ޚަބަރު

ބަންގްލަދޭޝްގައި ބަހެއް އެކްސިޑެންޓުވެ 19 މީހުން މަރުވެއްޖެ


ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ ހައިވޭއެއްގައި ދުއްވާފައި ދިޔަ ބަހެއް އެކްސިޑެންޓުވެ، އޭގައި ދަތުރުކުރި މީހުންގެ ތެރެއިން 19 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ، ދާކާގެ ދެކުނުގައިވާ ޝިބްޗަރު ޑިސްޓްރިކްޓުގައި އަލަށް ހުޅުވާފައިވާ ހައިވޭއެއްގައެވެ. މި ހާދިސާގައި އިތުރު 25 މީހަކަށް އަނިޔާވިއެވެ.

ބަސް އެކްސިޑެންޓުވެފައި ވަނީ، ބާރު ދުވެލީގައި ދުއްވާފައި ދަނިކޮށް، ހައިވޭގެ ފެންސުގައި ޖެހުމުގެ ސަބަބުންނެވެ. ފެންސުގައި ޖެހުމަށް ފަހު، ބަސް ވަނީ ހައިވޭއިން ބޭރަށް ވެއްޓިފައެވެ. ބަސް ވެއްޓި ޖެހިފައި ވަނީ، ހައިވޭއަށްވުރެ 30 ފޫޓު ތިރީގައިވާ ވަޅުގަނޑަކަށެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 12 މީހެއްގެ ހާލު ސީރިޔަސް ކަމަށާއި، ދާކާ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި އެ މީހުންނަށް އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމުގައި ދާކާގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ މަސްޢޫދު އަލަމް ވިދާޅުވިއެވެ.

ބަންގްލަދޭޝަކީ މަގުމަތީގެ އެކްސިޑެންޓުތައް ގިނަ ޤައުމެކެވެ. މި ފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވާ އެއް ސަބަބަކީ، މަގުތަކާއި އެއްގަމު އުޅަނދުފަހަރުގެ ހާލަތު ދެރަވުމެވެ. އަދި، އެއްގަމު އުޅަނދުފަހަރު ދުއްވާ ގިނަ ޑްރައިވަރުންނަކީ އެންމެ ފުރިހަމައަށް ތަމްރީނު ލިބިފައިވާ މީހުންނެއް ނޫނެވެ. ހުސްވި 2022 އަހަރު އެކަނިވެސް މަގުމަތީގެ އެކްސިޑެންޓުތަކުގައި 9,951 މީހުން މަރުވެފައިވާ ކަމުގައި އެ ޤައުމުގެ ޕެސެންޖަރ ވެލްފެއަރ އެސޯސިއޭޝަނުން ބުނެއެވެ.