ޚަބަރު

ގާތް ރަޙުމަތްތެރިންގެ ގޮތުގައި ސިފަކުރައްވާ ޕުޓިންއާއި ޝީ ބައްދަލުކުރައްވައިފި


ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ބައްދަލުކުރައްވައިފިއެވެ. މި ދެ ބޭފުޅުންނަކީ "އެންމެ ގާތް ރަޙުމަތްތެރިޔާގެ" ގޮތުގައި އެއް ބޭފުޅަކު އަނެއް ބޭފުޅާ ސިފަކުރައްވާ ދެ ބޭފުޅުންނެވެ. ޝީ ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެންނެވުމުން އޭނާއަށް މަރުޙަބާ ވިދާޅުވީ ޕުޓިންއެވެ.

ޝީ މޮސްކޯއަށް ވަޑައިގަންނަވާފައި މި ވަނީ ޔޫކްރެއިނުގައި ހަނގުރާމައިގެ ކުށްތައް ކުރައްވާފައިވާ ކަމުގެ ތުހުމަތުގައި ޕުޓިން ހައްޔަރުކުރުމަށް ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ)އިން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. ޝީއަކީ، އައި.ސީ.ސީ.ގެ އަމުރު ނެރުނު ފަހުން ޕުޓިން ބައްދަލުކުރައްވާ އެހެން ޤައުމެއްގެ ފުރަތަމަ ލީޑަރެވެ.

އައި.ސީ.ސީން ޕުޓިން ހައްޔަރުކުރުމަށް އަމުރު ނެރެފައި ވަނީ، ޔޫކްރެއިނުގެ ކުޑަކުދިންތަކެއް، އެ ކުދިންނާއި، އެ ކުދިންގެ މައިންބަފައިންގެ ނުރުހުމުގައި، ފޭރިގަނެގެން ރަޝިޔާއަށް ގެންދިޔުމުގެ ކުށުގައެވެ. އެއީ، ހަނގުރާމަ ކުށެއްގެ ގޮތުގައި އައި.ސީ.ސީން ސިފަކުރެއެވެ. ޔޫކްރެއިނުން ބުނީ، އެ ޤައުމުގެ 16,000 އަށްވުރެ ގިނަ ކުދިން، މި ގޮތަށް ރަޝިޔާއަށް ގެންގޮސްފައިވާ ކަމުގައެވެ.

ރަޝިޔާއިން ބުނެފައި ވަނީ އައި.ސީ.ސީ.ގެ އަމުރަކީ ސިޔާސީ މަޤުޞަދެއްގައި ނެރެފައިވާ އަމުރެއް ކަމުގައެވެ. އަދި، އެ އަމުރު ނެރުމުގެ ފަހަތުގައި ތިބި އައި.ސީ.ސީ.ގެ ފަނޑިޔާރުންނާއި ޕްރޮސިކިޔުޓަރުންގެ ޖިނާއީ މައްސަލައެއް ބަލަން ފަށާފައިވާ ކަމުގައި ކްރެމްލިންއިން ބުންޏެވެ. ޗައިނާއިން ވެސް ވަނީ އައި.ސީ.ސީ.ގެ އަމުރަށް ފާޑުކިޔާފައެވެ. ބުނީ، އެ އަމުރުން ދޭހަކޮށްދެނީ، އައި.ސީ.ސީން ވަކި ފަރާތަކަށް ޖެހިފައިވާ މިންވަރު ކަމުގައެވެ.

ޝީގެ މި ދަތުރުފުޅަކީ، ތިންވަނަ ދައުރަކަށް ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަތުމަށް ފަހު އޭނާ ބޭރު ޤައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ހުޅަނގުން ރަޝިޔާއަށް ކުރިމަތިކުރަމުންދާ ފިއްތުންތަކުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ރަޝިޔާއިން ދެކެއެވެ. އަދި، ޝީއަކީ ބަސްވިކޭ، ހަރުދަނާ، އަދި ބާރުގަދަ ލީޑަރެއް ކަމުގައި ރަޝިޔާއިން ގަބޫލުކުރެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމަ އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާއިރު، ޗައިނާއިން ވަނީ މި ހަނގުރާމަ ނިމުމަކަށް ގެންނާނެ ގޮތުގެ ޕްލޭނެއް ހުށަހަޅާފައެވެ. ޝީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޕުޓިން ވިދާޅުވީ، ޝީގެ ހުށަހެޅުމަށް އޭނާ އިޙުތިރާމު ކުރައްވާ ކަމުގައެވެ. އަދި، ޗައިނާއިން ހޯދަމުންދާ އިޤުތިޞާދީ އަދި ޢުމްރާނީ ކުރިއެރުންތަކަށް ވެސް އޭނާ މަރުޙަބާ ވިދާޅުވިއެވެ.

"ޗައިނާއިން މިއަދު ދެކޭ އިޤުތިޞާދީ ކުރިއެރުމާއި ދަޢުލަތް ބާރުވެރިކުރުވުމުގެ މޭސްތިރިއަކީ ޝީ. އޭނާ ވަނީ ވަރަށް ހަރުދަނާ ސިޔާސަތެއް އެކުލަވައިލައްވާފައި. އޭނާއަކީ އެހެން ޤައުމުތަކުގެ ލީޑަރުންނާ އަޅައިބަލާއިރު ވަރަށް ހިންގުންތެރި، އަދި ޤާބިލު ލީޑަރެއް،" ޝީއަށް ތާރީފުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ.

ޝީ ރަޝިޔާއަށް ވަޑައިގަންނަވާފައި މި ވަނީ، ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއަށް އަސްކަރީ ގޮތުން އެހީތެރިވުމަށް އެ ޤައުމަށް ހަތިޔާރު ފޯރުކޮށްދޭން ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއާއި ހުޅަނގު ބާރުތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ޗައިނާއިން އެ ތުހުމަތުތައް ދޮގުކުރެއެވެ. ނަމަވެސް، ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބޭނުންވާ ކަމުގައި ޗައިނާއިން ބުނެއެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކާ ގުޅިގެން ރަޝިޔާއިން ވިއްކާ ބޯޓުދެއްޔާއި، ތެލާއި، ގޭހުގެ އަގުތައް ދަށްކުރަން އެ ޤައުމަށް މަޖުބޫރުވުމުން، ޗައިނާއިން ދަނީ އެ ކަމުގެ މަންފާ ހޯދަމުންނެވެ. ނަމަވެސް، ޗައިނާގެ އެންމެ ބޮޑު ވިޔަފާރީގެ ޕާޓްނަރުންނަކީ އެމެރިކާއާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ)އެވެ.