ޚަބަރު

ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވަން އީރާނުގެ ރައީސީއަށް ދަޢުވަތު އަރުވައިފި


ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވުމަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީއަށް، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް-ސަޢުދު ދަޢުވަތު އަރުވައިފިއެވެ. އަދި، ރައީސީ ވަނީ ރަސްގެފާނު ސަލްމާންގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވާފައެވެ. ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސީއަށް ދަޢުވަތު އަރުވާފައިވާ ކަން ހާމަކޮށްފައި ވަނީ އީރާނުގެ ޚާރިޖީ ވުޒާރާއިންނެވެ.

ރައީސީއަށް ދަޢުވަތު އަރުވާފައި މި ވަނީ، ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ދެ ޤައުމުގެ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ މާރިޗު 10 ވަނަ ދުވަހު، ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ކުރިއަށްދިޔަ މަޝްވަރާތަކަކަށް ފަހުއެވެ.

"ސަޢޫދީ ރަސްގެފާނު ފޮނުއްވި ސިޓީފުޅެއްގައި، ދެ ޤައުމުގެ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމުމުން އެ ކަމަށް މަރުޙަބާ ވިދާޅުވި. އަދި، ރައީސީއަށް ރިޔާޟަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު އެރުވި. ރައީސީ ވަނީ އެ ދަޢުވަތު ގަބޫލުފުޅު ކުރައްވާފައި،" މި ކަމާ ގުޅޭ ގޮތުން މަޢުލޫމާތު ހާމަކުރައްވަމުން ރައީސީގެ ޗީފް އޮފް ސްޓާފްގެ ނައިބު މުޙައްމަދު ޖަމްޝީދީ ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާއާއި އީރާނަކީ މެދުއިރުމަތީގެ އެންމެ ބޮޑު ދެ ބާރެވެ. ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަކީ ސުންނީންނާއި ޝިޔަޢީންނާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑެކެވެ. މި ކޯޅުންގަނޑު މެދުއިރުމަތީގެ ސަރަޙައްދުތަކަށް ފެތުރި، ދެ ޤައުމުން ދަނީ ސޫރިޔާއާއި ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ވާދަވެރި ފަރާތްތަކަށް އެއްބާރުލުން ދީފައެވެ.

ސަޢޫދީ ޢަރަބިއްޔާއިން އީރާނާ އެކު ސިޔާސީ ގުޅުން ކަނޑައިލާފައި ވަނީ 2016 ވަނަ އަހަރު ތެހެރާނުގައި ހުންނަ ސަޢޫދީ ޢެމްބަސީއަށް ބަޔަކު ވަތް ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާ ހިނގާފައި ވަނީ، ސަޢޫދީ ޢަރަބިއްޔާއިން އެ ޤައުމުގައި އުޅޭ ޝިޔަޢީންގެ ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ނިމްރު އަލް-ނިމްރަށް މަރުގެ އަދަބު ދިނުމާ ގުޅިގެންނެވެ.

ސަޢޫދީ ޢަރަބިއްޔާއާ އެކު އީރާނާ ގުޅުން ކަނޑައިލާފައިވާ ބައެއް އެހެން ޤައުމުތަކުގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އާއި ކުވެއިތު ހިމެނުނެވެ. ނަމަވެސް، އެ ދެ ޤައުމުން ވެސް ދާދިފަހުން ވަނީ އީރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކޮށްފައެވެ.

ދެ ޤައުމުގެ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކުރުމާ އެކު، ދެ ޤައުމުގައިވާ އެމްބަސީތައް ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. މި ކަމާއި، ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ދެ ޤައުމުގެ ޚާރިޖިއްޔާގެ އެންމެ އިސްވެރިން ވަރަށް ކައިރި މުސްތަޤުބަލެއްގައި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުاللهހިއަން ވަނީ އިޢުލާނު ކުރައްވާފައެވެ.

ދެ ޤައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކުރުމުން، މެދުއިރުމަތީގެ ސުލްޙަ ގާއިމުކުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމުގައި ވެސް ޢަބްދުاللهހިއަން ވިދާޅުވިއެވެ. އަދި، އެ މަސައްކަތް ރަނގަޅު މިސްރާބަކަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ. މިހާރު އަމަލުކުރުން ހުއްޓައިލާފައިވާ އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ އެއްބަސްވުން އަލުން އިޔާދާކުރުމަށް ވެސް ސަޢޫދީން ދަނީ ބާރުއަޅަމުންނެވެ.