ޚަބަރު

ޒަކާތުގެ ނިޞާބާއި ދެއްކޭނެ ގޮތްތައް މިނިސްޓްރީން އިޢުލާންކޮށްފި


މިއަހަރުގެ ރަމަޟާންމަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.

ފިތުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު:

* އާދައިގެ ހަނޑޫ - 12 ރުފިޔާ * ތައިލެންޑް ހުދު ހަނޑޫ - 84 ރުފިޔާ * ރަތް ހަނޑޫ - 99 ރުފިޔާ * ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ - 84 ރުފިޔާ * ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫ - 100 ރުފިޔާ * ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫ - 125 ރުފިޔާ * އާދައިގެ ފުށް - 12 ރުފިޔާ * އާޓާ ފުށް - 75 ރުފިޔާ

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީއިން ކަނޑައަޅައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ޒަކާތް ބަލައިގަންނާނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރަމަޟާންމަހުގެ 27ވަނަ ދުވަހާއިހަމައަށެވެ. އެއީ މިމަހުގެ 23ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 18ވަނަ ދުވަހާއި ހަމައަށެވެ.

މިނިސްޓްރީން ވިދާޅުވީ ޒަކާތް ފުރަތަމަ ބަލައިގަންނަން ފަށާނީ ފައިސާއިންނެވެ. މީގެތެރޭގައި އޮންލައިންކޮންނާއި، އަދި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެންވެސް ޒަކާތް ބަލައިގަތުން ކުރިއަށްދާނެކަމަށެވެ.

  • ޒަކާތް ދެއްކޭނެ ގޮތްތައް:
  • ދިރާގު - ދިރާގު ޕޭ
  • އުރީދޫ - އެމް ފައިސާ
  • މޯލްޑިވްސް އިސްލާމިކް ބޭންކް - ފައިސާ މޯބައިލް
  • ބޭންކް އޮފް މޯލްޑިވްސް - ޕޯޓަލް
  • ފަހިޕޭ - ފަހިޕޭ އެޕްލިކޭޝަން
  • މިނިސްޓްރީ އޮފް ފިނޭނެސް - ބަނޑޭރި ޕޯޓަލް

މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިވާ މީހުންނަށް ލުއިފަސޭހަކުރުމަށް، އިސްލާމިކް މިނިސްޓްރީގައި ޑެސްކް ބަހައްޓައިގެން ޚިދުމަތް ދޭނެއެވެ. މި ޚިދުމަތް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން 13:00އަށް އިސްލާމިކް މިނިސްޓްރީ ހޯލުގައި ދެމުންދާނެއެވެ. އަދި ރަމަޟާންމަސް ނިމޭ ހިސާބުގައި ގޮވާމުގެ ބާވަތްތައްވެސް ބަލައިގަންނަން ފަށާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންނެވެ.