ވިޔަފާރި

މަސީގެ ކުރިއަށް އޮތް ދައުރުގެ އިންތިޚާބު މާރޗް މަހު 13 ގައި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ކުރިއަށް އޮތް ދައުރުގެ އިންތިޚާބު އަންނަ މާރޗް މަހު 13 ވަނަދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.

ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މަސީގެ ރައީސް މުހައްމަދު ޢަލީ ޖަނާޙު ވިދާޅުވީ އެ ޖަމްޢިއްޔާގެ މި ދައުރު ނިމިގެންދާއިރު ޢިމާރާތްކުރުމުގެ ސިނާޢަތުގެ ހުރިހާ ކަމަކަށް ބާލާލެވި އެޑްރެސް ކުރިވިފައި ވާކަމަށެވެ. އަދި މަސީގެ މަސައްކަތް ތަކަށް ރައީސް ޢަބްދުﷲ ޔާމިންގެ ދެއްވާ އެއްބާރުލުމުގެ ސަބަބުން، ނަތީޖާ ޙާސިލްކުރަން އެތައް ގުނައެއް ފަސޭހަ ވެގެންގޮސްފައިވާކަމަށް ވެސް ޖަނާޙު ވިދާޅުވިއެވެ.

ރާއްޖޭގެ 3 ވަނައަށް އެންމެބޮޑު ސިނާޢަތް ކަމަށްވާ، ޢިމާރާތް ކުރުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ އެގްޒެކެޓިވް ބޯޑުގެ ދައުރަކީ އެއްއަހަރު ދުވަހެވެ. ނަމަވެސް އެ ޖަމްޢިއްޔާގެ ރައީސްގެ މަޤާމަށް 2 އަހަރުގެ ޓާރމެއް ފުރިހަމަ ކުރުމަށް އެ ޖަމްޢިއްޔާގެ ހިންގާ ޤަވައިދުން ތަންދެއެވެ. ޢިމާރާތްކުރުމުގެ ދާއިރާއިން ފާހަގަ ކުރެވޭ ޚިދުމަތްތަކެއް ކުރަމުން އަންނަ މަސީ އުފައްދައި، ވުޖޫދަށް އައިސްފައިވަނީ މީގެ 14 އަހަރު ކުރިން 2001 އަހަރުއެވެ .