ޚަބަރު

"ވެލިއު އެޑިއުކޭޝަން ވިއާ ޕްރޮފެޓް ސްޓޯރީސް 2022"ގެ ދަސްވެނިވުން ބާއްވައިފި


އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ޑްރީމްސްކޭޕުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަަށްގެންދިޔަ "ވެލިއު އެޑިއުކޭޝަން ވިއާ ޕްރޮފެޓް ސްޓޯރީސް 2022" ނިންމި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފިއެވެ.

އާދީއްތަދުވަހުގެ ރޭ އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައިވަނީ މިޕްރޮގްރާމް ނިންމި ދަރިވަރުންނަށް ސެޓްފިކެޓާއި އިނާމް ދީފައެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޭއްވި މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޑްރީމްސްކޭޕްގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ "ޓިއުޓޮރިންގް ކަސްޓަމްސް ޑިޒައިން ކްލާސަސް އެންޑް ޓްރެއިނިންގް" ދަށުންނެވެ.

8 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމް ކުރިއަށް ގެންދިޔައީ 2 ޢުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރާއި 12 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 13 އަހަރާ 17 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.

މިޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ވިދާޅުވީ ރަސޫލު ބޭކަލުންގެ ވާހަކަތަކަކީ ކޮންމެ މީހެއްގެ ދިރިއުޅުމަށްވެސް ބޭނުންތެރި އެއްޗެއްކަމަށާއި މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ބެލެނިވެރިން ދެއްވާ ތަރުހީބަށް ޝުކުރު ދަންނަވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޑްރީމްސްކޭޕްގެ ފައުންޑަރ އަދި ލައިފް ކޯޗް ފާތިމަތު އީމާން ބުނީ "ވެލިއު އެޑިއުކޭޝަން ވިއާ ޕްރޮފެޓް ސްޓޯރީސް"އަކީ ކުޑަކުދިންނަށް ރަސޫލް ބޭކަލުންނާއި، ނަބީބޭކަލުންގެ ސިޔަރަތުގެ އަލީގައި ރިވެތި އަދަބުތަކާއި އަޚްލާގް ދަސްކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މިޕްރޮޮގްރާމުގައި ކުދިންނަށް ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮރުމުގެ ސެޝަނެއްވެސް ހިމަނާފައިވާ ކަމަށް އީމާން ބުންޏެވެ.

ތިއޭޓަރ ސްޓައިލަށް ކުރިއަށް ގެންދާ މިޕްރޮގްރާމުގެ ތެރޭގައި ނަބީބޭކަލުންގެ ހަޔާތްޕުޅުގައި ހިނގާފައިވާ އިބުރަތްތެރި ވާހަކަތައް ކުދިންނަށް ކިޔައިދީ މިކަންކަން އަމިއްލަ ދިރިއުޅުމުގައި ބޭނުން ކުރާނޭގޮތް ދަސްކޮށްދިނުމުގެ ގޮތުން އެކި ހަރަކާތްތައް ހިމަނާފައިވެއެވެ.

ޑްރީމްސްކޭޕަކީ ދިރިއުޅުމުގައި ދިމާވާ އެކިކަންކަމުގައި ޢާންމުންނަށް ހިތްވަރުދީ ރަނގަޅު އުފާވެރި ދިރިއުޅުމެއް ބައްޓަން ކުރުމަށްޓަކައި ކުރިވިދާނެ ކަންތައް އުނގަންނައިދޭ ތަނެކެވެ. ޑްރީމްސްކޭޕުން ޓިއުޓޮރިންގް އަދި ޓްރޭނިންގެ އިތުރުން އަރޓިކަލް ލިއުމާއި، ލައިފް ކޯޗިން ދިނުމާއި، އަރޓް، ސްޓޯރީސް އާއި ޕޮއެޓްރީގެ އިތުރުން މޯޓިވޭޝަނަލް ޓޯލްކްސްވެސް ކުރިއަށް ގެންދެއެވެ.

ޑްރީމްސްކޭޕުން ވަނީ މި ރަމަޟާންމަހު "ރަމަޟާން ސްޕެޝަލް"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައެވެ. އަދި "ވެލިއު އެޑިއުކޭޝަން ވިއާ ޕްރޮފެޓް ސްޓޯރީސް"ގެ މިއަހަރުގެ އައު ބެޗަށް ނަން ނޯޓުކުރުމުގެ ފުރުސަތުވެސް މިހާރުވަނީ ހުޅުވާލާފައެވެ.