ޚަބަރު

ރަޝިޔާއިން އަތްގަދަކޮށްފައިވާ މަރިޔުޕޮލްއަށް ޕުޓިން ޒިޔާރަތްކުރައްވައިފި


ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އޭނާގެ ސިފައިން އަތްގަދަކޮށްފައިވާ ޔޫކްރެއިނުގެ ދެކުނުގައިވާ ބަނދަރުމަތީ ރަށް މަރިޔުޕޮލްއަށް ޒިޔާރަތްކުރައްވައިފިއެވެ. މަރިޔުޕޮލްއަކީ ޔޫކްރެއިނުގެ ދޮންބާސްގައި ހިމެނޭ ޑޮނެޓްސްކުގެ ރަށެކެވެ. މިއީ، މީގެ އަހަރެއްހާ ދުވަސް ކުރިން ރަޝިޔާ ސިފައިން މަރިޔުޕޮލްއަށް އަތްގަދަކުރި ފަހުން ޕުޓިން އެ ރަށަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ.

ޕުޓިން ސިއްރިޔާތުގައި މަރިޔުޕޮލްއަށް ވަޑައިގަންނަވާފައި މި ވަނީ، އޭނާ ހައްޔަރުކުރުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައި.ސީ.ސީ)އިން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. ޕުޓިންއާ ދެކޮޅަށް އައި.ސީ.ސީން އަމުރެއް ނެރެފައި މި ވަނީ، ގަދަބާރުން ޔޫކްރެއިނުގެ ގިނަ ޢަދަދެއްގެ ކުޑަކުދިން ރަޝިޔާއަށް ގެންދިޔުމުގެ ކުށުގައެވެ. އެއީ، ހަނގުރާމައިގެ ކުށެކެވެ.

ޔޫކްރެއިނުގެ 16,000 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން، އެ ކުދިންގެ ނުރުހުމުގައި ރަޝިޔާއަށް ގެންގޮސްފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އެ ކުދިން މިހާރު ދިރިއުޅެނީ ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކާއި ފޯސްޓަރ ޢާއިލާތަކާ އެކުގައެވެ. މިއީ ހަނގުރާމައިގެ ކުށަކަށްވާއިރު، އައި.ސީ.ސީ.ގެ މެންބަރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ 120 ޤައުމުގެ ތެރެއިން އެއްވެސް ޤައުމަކަށް އޭނާ ވަޑައިގަންނަވައިފި ނަމަ، އޭނާ ހައްޔަރު ކުރުމުގެ ބާރު އެ ޤައުމަކަށް ލިބިގެންދާނެއެވެ. ނަމަވެސް، ރަޝިޔާއެކޭ އެއްގޮތަށް، އެމެރިކާއާއި ޗައިނާއަކީ ވެސް އައި.ސީ.ސީ.ގެ މެންބަރުންނެއް ނޫނެވެ.

މަރިޔުޕޮލްއަށް ޕުޓިން ކުރެއްވި ދަތުރުފުޅުގައި، އޭނާ އެ ރަށް ބައްލަވައިލެއްވި ކަމުގައި ރަޝިޔާއިން މީޑިޔާއިން ރިޕޯޓުކުރެއެވެ. އަދި، އެ ރަށުގައި ދިރިއުޅޭ ރަޝިޔާއަށް ތާޢީދުކުރާ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށުގައި ރަޝިޔާއިން ފަށާފައިވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވައިލެއްވިއެވެ.

ޕުޓިން މަރިޔުޕޮލްއަށް ވަޑައިގަންނަވާފައި މި ވަނީ، 2014 ވަނަ އަހަރު ރަޝިޔާއިން އަތްގަދަކުރި ޔޫކްރެއިނުގެ ސަރަޙައްދެއް ކަމުގައިވާ ކްރައިމިޔާއަށް ކުރެއްވި ޒިޔާރަތަކަށް ފަހުއެވެ. އެ ސަރަޙައްދަށް ޕުޓިން ވަޑައިގަންނަވާފައި މި ވަނީ، އެ ސަރަޙައްދަށް ރަޝިޔާއިން އަތްގަދަކުރިތާ ނުވަ އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތާ ދިމާކޮށެވެ.

ކްރައިމިޔާ ހިފުމަށްފަހު އޭގެ އަށް އަހަރު ފަހުން، ޕުޓިން ވަނީ ދެވަނަ ފަހަރަކަށް ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ހަނގުރާމަ ފައްޓަވާފައެވެ. 2022 ވަނަ އަހަރުގެ ފެބުރުވަރީ 24 ވަނަ ދުވަހު ފެށި މި ހަނގުރާމައިގައި ވެސް، ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަކޮށްފައެވެ.

ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތަކުގެ ތެރޭގައި އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ ލުހާންސްކާއި ޑޮނެޓްސްކުގެ ބޮޑު ސަރަޙައްދަކާއި، ދެކުނުގައިވާ ޒަޕޮރީޜިޔާ ހިމެނެއެވެ. ޒަޕޮރީޜިޔާއަކީ ކްރައިމިޔާއާ އިންވެގެން އުތުރަށް އޮންނަ ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި އޮތް ޚާރްސަން ވެސް ރަޝިޔާއިން ވަނީ ކުރިން ހިފާފައެވެ. ނަމަވެސް، ޔޫކްރެއިނުގެ ސިފައިން ވަނީ އެ ސަރަޙައްދުން ރަޝިޔާ ސިފައިން ފައްސައިލާ، އެ ސަރަޙައްދު މިނިވަންކޮށްފައެވެ.