އުތުރު ކޮރެޔާއިން ކުރު ރާސްތާގެ ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފިއެވެ. މިސައިލް ފޮނުވައިލާފައި ވަނީ ކޮރެޔާ ޕެނިންސިއުލާގެ އުތުރުން އޮންނަ ކަނޑުގެ ސަރަޙައްދަށެވެ. އުތުރު ކޮރެޔާއިން އަނެއްކާ ވެސް މިސައިލް ޓެސްޓެއް ހަދާފައި މި ވަނީ، މި ފަދަ އަމަލުތަކާ މެދު ދެކުނު ކޮރެޔާއާއި އެމެރިކާގެ އިތުރުން ޖަޕާނުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނީ، އުތުރު ކޮރެޔާގެ މިސައިލް އުދުއްސައިލާފައި ވަނީ އެ ޤައުމުގެ ޑޮންގްޗެންގް-ރީ މިސައިލް ޓެސްޓު ސައިޓުން ކަމަށެވެ. އަދި، އެ މިސައިލް 800 ކިލޯމީޓަރު ދުރަށް ދަތުރުކޮށްފައިވާ ކަމުގައި ވެސް ދެކުނު ކޮރެޔާގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އުތުރު ކޮރެޔާއިން ކުރަމުންދާ މިސައިލް ޓެސްޓުތަކާ މެދު ދެކުނު ކޮރެޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، މިއީ އ.ދ.ގެ ޤަރާރުތަކާ ދެކޮޅަށް އުތުރު ކޮރެޔާއިން ހިންގަމުންދާ އަމަލުތަކެއް ކަމުގައި ދެކުނު ކޮރެޔާއިން ބުނެއެވެ. މިއަދު ކޮށްފައިވާ މިސައިލް ޓެސްޓާ ގުޅިގެން، އެ ސަރަޙައްދުގައި ގާއިމުކޮށްފައި ތިބޭ އެމެރިކާ ސިފައިންނާއި، އެމެރިކާއިން ވާގިވެރިވާ ޤައުމުތަކަށް ނުރައްކަލެއްވެފައި ނުވާ ކަމުގައި އެމެރިކާއިން ބުނެއެވެ.
"އުތުރު ކޮރެޔާގެ މިސައިލް ޓެސްޓުތަކާ ގުޅިގެން ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް ދަނީ އަސަރުކުރަމުން. މިއީ، ސުލްޙައަށް އޮތް ހުރަހެއް. އަދި، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫން،" އުތުރު ކޮރެޔާގެ މިސައިލް ޓެސްޓުތައް ކުށްވެރިކޮށް ޖަޕާނުގެ ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޓޮޝިރޯ އިނޯ ވިދާޅުވިއެވެ.
މާރިޗު 16 ވަނަ ދުވަހު ވެސް އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއް ހަދާފައިވެއެވެ. އެ ދުވަހު ޓެސްޓުކޮށްފައި ވަނީ އެހެން ބައްރެއްގައި އޮންނަ ޤައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިދާނެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް)އެކެވެ. އެ މިސައިލް ޓެސްޓު ހަދާފައި ވަނީ، އުތުރު ކޮރެޔާގެ މައްސަލައާ މެދު މަޝްވަރާ ކުރުމަށް ދެކުނު ކޮރެޔާގެ ރައީސް ޖަޕާނަށް ދަތުރުފުޅެއް ފެއްޓެވުމާ ދިމާކޮށެވެ.
އުތުރު ކޮރެޔާއިން ބުނީ، އެ ޤައުމުން އެންމެ ފަހުން ހަދާފައިވާ މިސައިލް ޓެސްޓުތަކަކީ، ދެކުނު ކޮރެޔާއާއި އެމެރިކާއިން ގުޅިގެން ފަށާފައިވާ އަސްކަރީ ތަމްރީނުތަކަށް ރައްދުދިނުމުގެ ގޮތުން ހަދާފައިވާ ޓެސްޓުތަކެއް ކަމުގައެވެ. އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން "ފްރީޑަމް ޝީލްޑް 23"ގެ ނަމުގައި ހުސްވި ހަފުތާގައި ފަށާފައިވާ ތަމްރީނުތައް 11 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެއެވެ.