ކުޅިވަރު

އުދިނޭޒީ އަތުން އޭސީ މިލާން ބަލިވެއްޖެ


އިޓާލިއަން ސެރީއާގައި އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާނާއި އުދިނޭސީ ބައްދަލުކުރިމެޗް އުދިނޭސީ ކާމިޔާބުކޮށްފިއެވެ.

އުދިނޭސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މިލާން އިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އުދިނޭސީއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ އުދިނޭސީއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރޮބާޓޯ ޕެރޭރާއެވެ. މިމެޗްގައި މިލާނުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޒްލަޓާން އިބްރަހިމޮވިޗްއެވެ. ދެފަހަރު މަތިން ޖަހައިގެން ކާމިޔާބުކުރި މިލަނޑާއެކު 41 އަހަރުގެ އިބްރަހިމޮވިޗް ވެފައިވަނީ އިޓާލިއަން ސެރީއާގެ ތާރީހްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. އަދި މިއި މިސީޒަންގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑުވެސްމެއެވެ. އިބްރަހިމޮވިޗްގެ ކަކުލަށް ލިބުނު އަނިޔާއަކާއި އެކު ކުރި އޮޕަރޭޝަނާއި ގުޅިގެން ސީޒަންގެ ބޮޑުބައި ހުރީ ކުޅުމާއި ދުރުގައެވެ. ނަމަވެސް މިލާނުން މެޗްގެ ނަތީޖާ ހަމަހަމަ ކުރިތާ ދެ މިނެޓްފަހުން އުދިނޭސީއިން ވަނީ އަނެއްކާ މިމެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ބޭޓޯއެވެ. މިމެޗްގައި އުދިނޭސީގެ ތިންވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ ކިންގްސްލީ އެހިޒިބޫއެވެ.

މިކާމިޔާބީއާއެކު އުދިނޭސީ މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނަ އަށްކުރިއަށް ޖެހިލާފައެވެ. އަދި މިލާން މިހާރު އުޅެނީ 48 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ