ޚަބަރު

އެކުއެޑޯއަށް ބާރުގަދަ ބިންހެލުމެއް އައިސް 14 މީހުން މަރުވެއްޖެ


ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ އެކުއެޑޯއަށް ބާރުގަދަ ބިންހެލުމެއް އައިސް، 14 މީހުން މަރުވެއްޖެއެވެ. ރިކްޓަރ މިންގަނޑުން 6.8 ގައި ރެކޯޑް ކުރެވިފައިވާ މި ބިންހެލުން އައިސްފައި ވަނީ އެކުއެޑޯގެ އައްސޭރިފަށުގެ ސަރަޙައްދަށެވެ. މި ބިންހެލުމުގައި، އެ ޤައުމާ އިންވެގެން އޮންނަ ޕެރޫގެ އިރުމަތީ ސަރަޙައްދުތަކަށް ވެސް ލޮޅުން އައިސް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެކުއެޑޯގެ ގުއަޝަސްގެ ރަށެއް ކަމުގައިވާ ބަލާއޯއާ 10 ކިލޯމީޓަރު ދުރަށް މި ބިންހެލުން އައިސްފައި ވަނީ ބިމުގެ 66.4 ކިލޯމީޓަރު އަޑިއަށެވެ. ނަމަވެސް، މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައި ނުވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. ބިންހެލުމުގައި މަރުވި މީހުންގެ ޢާއިލާތަކަށް އެކުއެޑޯގެ ރައީސް ގިއެރްމޯ ލާސޯ ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

މި ބިންހެލުމުގައި 44 ޢިމާރާތެއް ވެއްޓިފައިވާއިރު، އިތުރު 90 ޢިމާރާތަށް އެކި ވަރުގެ ގެއްލުންތައް ލިބުނެވެ. ގެއްލުން ލިބުނު ޢިމާރާތްތަކުގެ ތެރޭގައި 50 ސްކޫލާއި 30 ޞިއްޙީ މަރުކަޒު ހިމެނޭ ކަމުގައި އެކުއެޑޯގެ އޮފިޝަލުން ވިދާޅުވެއެވެ. އަދި، ގިނަ ޢަދަދެއްގެ މަގުތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު 14 އަށް އަރާފައިވާއިރު، 380 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.

އެކުއެޑޯގެ ތެޔޮ ސާފުކުރާ މައި ކުންފުނީގެ މަސައްކަތްތައް ވެސް ބިންހެލުމާ ގުޅިގެން ވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. ބިންހެލުމަށް ފަހު، އެ ސަރަޙައްދުތަކަށް ދެ ފަހަރެއްގެ މަތިން އިތުރު ލޮޅުންތައް އަރާފައިވާ ކަމުގައި އެކުއެޑޯގެ އޮފިޝަލުން ވިދާޅުވެއެވެ. ބިންހެލުމުގައި ޕެރޫގެ ޢިމާރާތްތަކަށް ވެސް ގެއްލުންތައް ލިބިފައިވާއިރު، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.