ޚަބަރު

ޖަސްޓިން ބީބާއަށް ޗައިނާގައި ޕާފޯމް ނުކުރެވޭ ގޮތަށް ހެދި


ކެނެޑާއަށް އުފަން މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ވަނީ އޭނާގެ ކެރިއަރުގައި ފުދޭވަރަކަށް ގިނަ މައްސަލަތަކާއި ކުރިމަތިލާންޖެހިފައެވެ.

ކާރުން ޕަޕަރާޒީއެއްގައި ޖެއްސުމާއި، އަވަށްޓެރިޔާއަށް އުދަނގޫކުރުމާއި، މަސްތުވެގެން ކާރު ދުއްވުން ފަދަ އެތައް މައްސަލަތަކެކެވެ. މިކަމުގެ ސަބަބުން އުމުރުން 29 އަހަރުގެ ބީބާ އަކީ ފާއިތުވި އަހަރުތަކުގައި އެ ތަރިއަކާއި މެދު އެންމެ ބޮޑެތި ބަހުސްތަކެއް ކުރެވުނު އެއް ސެލެބްރިޓީ ވެސް މެއެވެ.

މިކަހަލަ މައްސަލައެއްގައި ޗައިނާގައި ޕާފޯމްކުރުންވެސް ބީބާ އަށް ވަނީ މަނާކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު، އޭނާގެ ސުލޫކީ މައްސަލަތަކާއިހުރެ ޗައިނާގައި ޝޯވ ދިނުން ބީބާއަށް މަނާކުރިއެވެ.

2017 ވަނަ އަހަރު ޗައިނާގެ ކަލްޗަރ ބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސުލޫކީ މައްސަލަތަކެއް ހުންނަ ތަރިންނަށް ޗައިނާގައި ޝޯވ ދިނުމަށް ހުއްދަ ދިނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

މި ބަޔާނަކީ ބީބާގެ އޭޝިއާ ވައައިޑް ޓުއާގެ ކުރިން ޗައިނާގައި ޝޯވ ދިނުމަށް އެއްވެސް ތަނެއް ބުކްކޮށްފައި ނުވަނީ ކީއްވެގެންތޯ ޖަސްޓިންގެ ފޭނުން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނެރުނު އެއްޗެކެވެ. ޗައިނާ އިން ވަނީ މީގެކުރިންވެސް މި ގޮތަށް ގިނަ އާޓިސްޓުންތަކެއް އެ ޤައުމުގައި ޝޯދިނުން މަނާކޮށް ބްލެކްލިސްޓްކޮށްފައެވެ.

ބީބާ އަށް ދާދިފަހުން ވަނީ އެހާ އާންމު ނޫން ބައްޔެއް ކަމަށްވާ ރަމްސޭ ހަންޓް ސިންޑްރޯމް ޖެހިފައެވެ. މިކަން ދިމާވެ ބީބާގެ މޫނުގެ ކަނާތް ފަޅިން ވާގި ނެތުނެވެ.

މިކަމާއި ގުޅިގެން ފަރުވާ ހޯދަން ބީބާގެ "ޖަސްޓިސް ވޯލްޑް ޓުއާ" މިދިޔަ ޖޫން މަހުގެ ތެރޭގައި މެދުކަނޑާލުމަށް ފަހު އަލުން ޖުލައިމަހު ފެށި ޓުއާއަށް އަނެއްކާ ވެސް މެދުކެނޑުމެއް ގެނެސްފައެވެ.