ޚަބަރު

ބަތަލާ ކަޅުކަމަށްބުނެ، "ދަ ލިޓްލް މާމެއިޑް" ގެ ޓްރެއިލާ އަށް ފާޑުކިޔުން


ލައިވް އެކްޝަން ފިލްމެއްގެ ގޮތުގައި ޑިޒްނީން ގެނެސްދޭން ނިންމާފައިވާ "ދަ ލިޓްލް މާމެއިޑް" ގެ ރަސްމީ ޓްރެއިލާ ދައްކާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ނަމަވެސް ޓްރެއިލާ އާންމުކުރުމާއިއެކު މި ފިލްމަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ހެލީ ބެއިލީ ލީޑް ރޯލުން ފެނިގެންދާ "ދަ ލިޓްލް މެރމެއިޑް" އަށް ނަސްލީ ތަފާތުކުރުންތަކުގެ ފާޑުކިޔުންތައް އަންނަނީ ކުރިމަތިވަމުންނެވެ. ޓްވިޓާ ޕޭޖެއްގައިވާ ގޮތުން ފިލްމުގެ ޓްރެއިލާ އަށް 600،000 ލައިކްސް ލިބިފައިވާއިރު، 3 މިލިއަން ފަހަރު ވަނީ ޑިސްލައިކް ލިބިފައެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި 1989 ވަނަ އަހަރު ނެރުނު އެނިމޭޓެޑް ކްލެސިކްގައި އެރިއެލްގެ ޚިޔާލީ ކެރެކްޓަރ ސިފަކޮށްފައިވަނީ ދޮން މީހެއްގެ ގޮތުގައެވެ. އެހެންކަމުން، ނަސްލީ ތަފާތުކުރުން ގެންގުޅޭ މީހުން މި ރޯލަށް ހެލީ ކާސްޓް ކުރުމާ ދެކޮޅު ހަދައެވެ.

ނަމަވެސް "ދަ ލިޓްލް މެރމެއިޑް" އަށް ވަނީ ރަނގަޅު ތަރުޚީބެއްވެސް ލިބިފައެވެ.


ޑިޒްނީގެ ލައިވް އެކްޝަން ފިލްމު "ބިއުޓީ އެންޑް ދަ ބީސްޓް" ގެ އެކްޓަރު ޖޯޝް ގާޑް ވެސް ދާދިފަހުން ވަނީ މި ގޮތަށް ފާޑުކިޔާ މީހުންނަށް ރައްދު ދީފައެވެ. އޭނާ ބުނިގޮތުގައި ބައެއް މީހުންގެ ދިރިއުޅުމުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވެފައި ވަނީ މީހެއްގެ ހަމުގެ ކުލައަށް ފާޑުކިޔުން ކަމަށެވެ.

މި ފިލްމުގެ ޑައިރެކްޓަރު ރޮބް މާޝަލް ބުނީ އެމީހުން ހޯދަމުންދަނީ އެ ރޯލަށް އެންމެ އެކަށީގެންވާ އެކްޓަރު ކަމަށާއި ކާސްޓިންގައި އެޖެންޑާއެއް ނެތް ކަމަށެވެ. އެމީހުން އެންމެންނަށް އޮޑިޝަން ދީގެން އެރިއެލްގެ ރޯލު ކުޅެން ބޭނުންވީ ވަރުގެ ވަރުގަދަ، ޝައުގުވެރި، ރީތި، ސްމާޓް، ހުޝިޔާރު މީހެކެވެ. ހެލީ އަކީ އަޖައިބު ކުރުވަނިވި އަޑެއްލިބިފައިވުމާއިއެކު ހުރިހާ ޝަރުތެއް ފުރިހަމަވާ ތަރިއެއްކަން ޑައިރެކްޓް ބުނެފައިވެއެވެ.

އަންނަ މެއި މަހުގެ 26 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ދަ ލިޓްލް މާމެއިޑް" އަކީ ރޮބާޓް މާޝަލް ޑައިރެކްޓްކޮށް 1989 ވަނަ އަހަރު ޑިޒްނީ އިން ދެއްކި އެނިމޭޓެޑް މިއުޒިކަލް ކްލެސިކްގެ ލައިވް އެކްޝަން ވާޝަންއެވެ.

މީގެ ކާސްޓްގައި ޖޮނާ ހެޔާ-ކިންގް، ޖޭވިއާ ބާޑެމް، އޯކަފީނާ، ނޯމާ ޑުމޭޒްވެނީ، އާޓް މަލިކް އަދި ލޮރެންޒާ އެންޑްރިއާ ހިމެނެއެވެ.