ކުޅިވަރު

ފަހަތުން އަރައި ނައިފަރު ޗެލްސީ ބަލިކޮށް ޗެމްޕިއަންކަން ހިންނަވަރު ސްޕޯޓްސްއަށް


ހިންނަވަރު ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކާއެކު އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރު ސްޕޯޓްސް ކުލަބު ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރު ހޯދީ ފައިނަލުގައި ނައިފަރު ޗެލްސީއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ މި މުބާރާތުގެ ތާރީހުގައި ހިންނަވަރުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ތަށި މިލްކުކުރަން ނިކުތް ނައިފަރު ޗެލްސީން ވަނީ އެންމެފަހުން ބޭއްވި ދެ މުބާރާތް ކާމިޔާބުކޮށްފައެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ 4 ވަނަ މިނެޓުގައި ނައިފަރު ޗެލްސީން ލީޑު ނެގިއެވެ. މިއީ ހިލޭ ޖެހުމަކުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް މުހައްމަދު މަޖުދާން ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ ނައިފަރު ޗެލްސީ ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން 62 ވަނަ މިނެޓުގައި ހިންނަވަރު ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ފަޒީލެވެ. ހިންނަވަރު ލީޑު ނެގީ މެޗުގެ 78 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އަބްދުﷲ (ލިލީ) އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުގެ މަޤާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ހިންނަވަރުގެ އަހްމަދު އަބްދުﷲ (ލިލީ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ނައިފަރު ޗެލްސީގެ ކީޕަރު އަބްދުﷲ މުހައްމަދު ހޮވުނުއިރު، އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ހިންނަވަރުގެ މުހައްމަދު ފަޒީލެވެ. އެންމެ މޮޅު ފޯވާޑަކަށް ނައިފަރު ޗެލްސީގެ މުހައްމަދު ނަދީމު ހޮވުނުއިރު، މުބާރާތުގެ އެންމެ އުއްމީދީ ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ނައިފަރު ޗެލްސީގެ ހަސަން ހައިޝަމް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ނައިފަރު ޗެލްސީގެ އަހުމަދު އަވީން ހޮވުނުއިރު، އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިއަކަށް ހޮވުނީ ނައިފަރު ޗެލްސީގެ މުހައްމަދު ނަޝީދެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވުނީ ހިންނަވަރު ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާގެ އިތުރުން ކުރެއްދޫ ހޯލްޑިންގްސް ގެ ފަރާތުން ވަނީ 50،000 ރުފިޔާ ހަދިޔާކޮށްފައެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދީފައިވާއިރު، ޗަމްޕާ އެންޑް ލާސް ގެ ފަރާތުން ވަނީ 20،000 ރުފިޔާ ހަދިޔާކޮށްފައެވެ.