ޚަބަރު

ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް އައި.ސީ.ސީން ނެރެފި


ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައި.ސީ.ސީ)އިން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފިއެވެ. ޕުޓިންއާ ދެކޮޅަށް އައި.ސީ.ސީން އަމުރެއް ނެރެފައި މި ވަނީ، ޔޫކްރެއިނަށް ރަޝިޔާ ސިފައިން ފޮނުވައިގެން އޭނާ ފައްޓަވާފައިވާ ހަނގުރާމައާ ގުޅިގެންނެވެ.

މި ހަނގުރާމައިގައި ރަޝިޔާ ސިފައިން ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަމަށް ޔޫކްރެއިނާއި ހުޅަނގުން ތުހުމަތު ކުރަމުންދާއިރު، އައި.ސީ.ސީން ދަނީ އެ ތުހުމަތުތައް ތަހުޤީޤު ކުރަމުންނެވެ. ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައި ވަނީ، ޔޫކްރެއިނުގެ ކުޑަކުދިން، އެ ކުދިންގެ ނުރުހުމުގައި ރަޝިޔާއަށް ގެންދިޔުމަކީ ހަނގުރާމައިގެ ކުށެއް ކަމުގައި ކަނޑައެޅުމަށް ފަހުއެވެ.

ޔޫކްރެއިނުގެ އެތަކެއް ހާސް ކުޑަކުދިންނެއް ރަޝިޔާއަށް ވަނީ ގެންގޮސްފައެވެ. އެ ކަމަށް ޚާއްޞަކޮށްފައިވާ ޕުރޮގުރާމެއް ރަޝިޔާއިން ދަނީ ހިންގަމުންނެވެ. އެއީ، އިންސާނިއްޔަތާ ހިންގާ ޕުރޮގުރާމެއް ކަމުގައި ރަޝިޔާއިން ބުނި ނަމަވެސް، އެ ކުދިން ރަޝިޔާއަށް ގެންދަމުންދަނީ އެ ކުދިންނާއި، އެ ކުދިންގެ މައިންބަފައިގެން ނުރުހުމުގައި ކަމަށް ޔޫކްރެއިނުން ދަނީ ތުހުމަތު ކުރަމުންނެވެ.

ޕުޓިން ހައްޔަރުކުރުމަށް އައި.ސީ.ސީން އަމުރު ނެރުމުން ރަޝިޔާއިން އެ ކަމާ ނުރުހުން ފާޅުކޮށްފައިވީ ނަމަވެސް، ޔޫކްރެއިނުން ވަނީ އެ ކަމަށް މަރުޙަބާ ކިޔާފައެވެ. ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ މިއީ ތާރީޚީ އަދި ރަނގަޅު ނިންމުމެއް ކަމުގައެވެ. އަދި، މި ނިންމުމުގެ ސަބަބުން ހަނގުރާމައިގެ ކުށްތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވަން އިތުރު ދޮރެއް ހުޅުވިގެން ގޮސްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕުޓިން ހައްޔަރުކުރުމުގެ އަމުރަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމުރެއް ނޫން ކަމުގައި ކްރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޮފް ވިދާޅުވިއެވެ. ރަޝިޔާއަކީ އައި.ސީ.ސީ.ގެ މެންބަރަކަށް ނުވާތީ، މިއީ ރަޝިޔާއަށް ބާރުހިންގޭނެ އަމުރެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. ރަޝިޔާއެކޭ އެއް ފަދައިން، އެމެރިކާއާއި ޗައިނާއަކީ ވެސް އައި.ސީ.ސީ.ގެ މެންބަރުންނެއް ނޫނެވެ.

މި އަމުރާ މެދު ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވިޔަޗެސްލާވް ވޮލޮޑިން ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޕުޓިން ހައްޔަރުކުރަން ކުރާ ކޮންމެ މަސައްކަތަކީ، އަދި އަޅާ ކޮންމެ ފިޔަވަޅަކީ، ރަޝިޔާއަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމުގައެވެ.

ޕުޓިންގެ އިތުރުން ރަޝިޔާގެ ކުޑަކުދިންގެ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ މާރިޔާ ލްވޯވާ-ބެލޯވާއާ ދެކޮޅަށް ވެސް އައި.ސީ.ސީން ވަނީ އަމުރެއް ނެރެފައެވެ. އޭނާއާ މެދު ވެސް އުފުލާފައި ވަނީ ޕުޓިންއަށް އުފުލާފައިވާ ދަޢުވާއެވެ. ނުރުހުމުގައި ޔޫކްރެއިނުގެ ކުޑަކުދިން ފޭރިގަނެގެން ރަޝިޔާއަށް ގެންދިޔުމުގެ ކުށުގެ ދަޢުވާއެވެ.

މިއީ، ވެރިކަމުގައި ހުންނެވި ރައީސަކާ ދެކޮޅަށް އައި.ސީ.ސީން މި ފަދަ އަމުރެއް ނެރުނު ތިންވަނަ ފަހަރެވެ. މި އަމުރާ އެކު، އައި.ސީ.ސީ.ގެ މެންބަރު ޤައުމަކަށް ޕުޓިން ދަތުރުކުރައްވައިފިނަމަ، އޭނާ ހައްޔަރުކޮށް، ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައި.ސީ.ސީ.ގެ އޮފީހަށް އޭނާ ހާޒިރުކުރުމުގެ ބާރު އެ ޤައުމަކަށް ލިބިގެންދާނެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަމުގައި އ.ދ.ގެ ތަހުޤީޤީ އިދާރާއަކުން ވެސް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި، ކުޑަކުދިންގެ ކުރިމަތީގައި، އެ ކުދިންގެ މައިންބަފައިންނަށް ޖިންސީ އަނިޔާދިނުން ހިމެނޭ ކަމުގައި އ.ދ.ގެ އިދާރާއިން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް، ރަޝިޔާއިން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ.