މަސްވެރިކަމަށް ޚާއްސަ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އުޅަނދަކާއި މެރިން އިންޖީނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ތަޢާރަފްކޮށްފިއެވެ.
މި ދެ ޕްރޮޑަކްޓް ރަސްމީކޮށް ތައާރަފްކޮށްފައިވަނީ މޯލްޑިވްސް މެރިން އެކްސްޕޯގައި މިނިސްޓަރ އޮފް އިސްލާމިކް އަފެއަރސް ޑރ. އަހްމަދު ޒާހިރުއެވެ.
އެމް.ޓީ.ސީ.ސިން ވިދާޅުވީ، އެކުންފުނިން ތަޢާރަފްކުރި އުޅަނދަކީ މަސްވެރިކަމަށް ޚާއްސަ އުޅަނދެއްކަމަށެވެ. އަދި މިއީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އުޅަނދެއްކަމަށް އެކުންފުނިން ވިދާޅުވެއެވެ. އެގޮތުން، މި ބޯޓަކީ "އޮފްޝޯ ޑީޕް ވޯޓާރ ފިޝިންގ" ގައި ބޭނުންކުރެވޭނެ އުޅަނދެއްކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.
މީގެއިތުރުން، މިއުޅަނދުގައި ކަނޑުގަދަ ދުވަސްތަކުގައިވެސް ނަގިލިއެއް ބޭނުންނުކޮށް ކަނޑުމަތީގައި އޮވެވޭނެކަމަށް އެމް.ޓިީ.ސީ.ސިން ވިދާޅުވެއެވެ. އަދި އެމް.ޓީ.ސީ.ސީއިން ތަޢާރަފްކުރި މެރިން އިންޖީނަކީ ރާއްޖޭގައި މަސްވެރި އުޅަނދުތަކުގައި އެންމެ ގިނައިން ބޭނުންކުރާ މެރިން އިންޖީނުކަމަށް އެމް.ޓީ.ސީ.ސީން މަޢުލޫމާތުދެއެވެ.
މި ދެ ޕްރޮޑަކްޓަކީވެސް ބޯޓިން ދާއިރާގައި މަޝްހޫރު ބްރޭންޑެއް ކަމަށް "ޔަންމާ" ގެ ދެ ޕްރޮޑަކްޓެވެ. އަދި މި ދެ ޕްރޮޑަކްޓްވެސް %20 ގެ އިންސްޓޯލްމަންޓް އުޞޫލަށް ގަނެވޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.
"މޯލްޑިވްސް މެރިން އެކްސްޕޯ" އަކީ ރާއްޖޭގެ ބޯޓިން ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެކްސްޕޯއެވެ. މިއެކްސްޕޯގައި އެމް.ޓީ.ސީ.ސީގެ އިތުރުން ބޯޓިން ދާއިރާގައި ހަރާކާތްތެރިވާ 150 އަށްވުރެ ގިނަ އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ.
މި އެކްސްޕޯ ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަދި މިރޭ 11:00 އާއި ހަމައަށް މިއެކްސްޕޯ ކުރިއަށްދާނެއެވެ.