ޚަބަރު

ތުރުކީވިލާތުގައި ފެންބޮޑުވެ 14 މީހުން މަރުވެއްޖެ


ތުރުކީވިލާތަށް ފެބުރުވަރީ މަހު އައި ބާރުގަދަ ބިންހެލުމުގައި ސުންނާފަތިވެފައިވާ ސަރަޙައްދުތަކުގައި ފެންބޮޑުވެ، 14 މީހުން މަރުވެއްޖެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ސޫރިޔާގެ ސަރަޙައްދީ ރޮނގާ 50 ކިލޯމީޓަރު އުތުރުން އޮންނަ ސަންލީއުރްފާއަށެވެ. ބިންހެލުމުގައި އެ ސަރަޙައްދުގެ ގިނަ ގެތަކާއި ޢިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. އަދި، އެ ސަރަޙައްދުގެ ރައްޔިތުން ދިރިއުޅެނީ ޓެންޓުތަކާއި ކޮންޓެއިނަރުތަކުގައެވެ.

ފެންބޮޑުވުމާ ގުޅިގެން ކޯރު ދެމި، ގިނަ ޢަދަދެއްގެ ބަޔަކު ފެންގަނޑާ އެކު ދަމައިގަނެފައިވާ ކަމަށް އެ ސަރަޙައްދުގެ އޮފިޝަލުން ބުނެއެވެ. ފެބުރުވަރީ 6 ވަނަ ދުވަހު ތުރުކީވިލާތުގެ ދެކުނުގެ ސަރަޙައްދަށް ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 54,000 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރެއިން 48,000 މީހުން މަރުވީ ތުރުކީވިލާތުގެ އިރުދެކުނުގައިވާ 11 ޕުރޮވިންސަކުންނެވެ.

ކުރިއަށް އޮތް ހަފުތާގައި ވެސް އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ ތެރެއިން 12 މީހުންނަކީ ސަންލީއުފްރާގައި ދިރިއުޅޭ މީހުންނެވެ. އަދި، އަދީޔަމަންއިން ވެސް ދެ މީހުން މަރުވިއެވެ. މީގެ ތެރޭގައި އެއް އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. އެ ރަށުން އިތުރު ފަސް މީހުން ގެއްލިފައިވާއިރު، އެ މީހުން ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ތުރުކީވިލާތަށް ބާރުގަދަ ބިންހެލުމެއް އައިސް، ރަށްތައް ސުންނާފަތިވެ، އެތަކެއް ހާސް ބަޔަކު މަރުވެފައިވާއިރު، އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ގެންދަވަނީ އަންނަ މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އިންތިޚާބަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. ބިންހެލުމާ ގުޅިގެން ސަރުކާރުން އަމަލުކޮށްފައިވާ ގޮތާމެދު އެތައް ބަޔަކު ޝަކުވާ ކުރަމުންދާއިރު، އުރުދުޣާން ވިދާޅުވަނީ، މި ފަދަ ޤުދުރަތީ ކާރިސާއަކަށް ތައްޔާރުވުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.

އަދި، އޭނާ ވަނީ ބިންހެލުމަށް ސަރުކާރުން އިޖާބަދީފައިވާ ގޮތަށް މަޢާފަށް ވެސް އެދިވަޑައިގަންނަވާފައެވެ. އަދި، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، ބިންހެލުމުގައި ސުންނާފަތިވި ރަށްތައް އަލުން ބިނާކޮށް، އާރާސްތުކުރަން އޭނާ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ. އޭނާ މިހާރު ވެސް ގެންދަވަނީ ބިންހެލުމުގައި ސުންނާފަތިވި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، ހާލުގައި ޖެހިފައިވާ މީހުންނާ ބައްދަލު ކުރައްވަމުންނެވެ.

2024 ވަނަ އަހަރު ނިމުމުގެ ކުރިން، ބިންހެލުމުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް 319,000 ގެ އަޅާނެ ކަމަށް އުރުދުޣާން ވިދާޅުވެއެވެ. އަދި، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، ސުންނާފަތިވެފައިވާ ރަށްތައް އަލުން ބިނާކޮށްދޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.