ޚަބަރު

އެމެރިކާގެ ޑްރޯން ވައްޓާލި ރަޝިޔާ ސިފައިންނަށް މެޑަލް


އެމެރިކާގެ ޑްރޯންއަކަށް ހަމަލާދީ ވައްޓައިލި ރަޝިޔާގެ ވައިގެ ސިފައިންގެ ޕައިލެޓުންނަށް މެޑަލް އަރުވައިފިއެވެ. ޑްރޯން ވައްޓައިލުމުގައި ހަރަކާތްތެރިވި ރަޝިޔާގެ ވައިގެ ސިފައިންގެ "އެސް.ޔޫ-27" މަރުކާގެ މަތިންދާބޯޓުގެ ދެ ޕައިލެޓުންނަށް މެޑަލް ހަވާލުކޮށްދެއްވީ އެ ޤައުމުގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫއެވެ.

އެމެރިކާގެ ޑްރޯން ވައްޓައިލާފައި ވަނީ ބްލެކް ސީ ނުވަތަ ކަޅު ކަނޑުގެ މަތިން ދަތުރުކުރަމުން ދަނިކޮށެއެވެ. ޑްރޯން ވައްޓައިލާފައި ވަނީ، އެއްވެސް ޤައުމަކަށް ނިސްބަތް ނުވާ، ބައިނަލްއަޤުވާމީ ވައިގެ ސަރަޙައްދުން ދަތުރުކުރަނިކޮށެވެ. "ރީޕަރ"ގެ ނަމުން މަޝްހޫރު "އެމް.ކިޔު-9" މަރުކާގެ ޑްރޯން ވެއްޓުނީ ކަޅު ކަނޑަށެވެ.

ރަޝިޔާއިން ބުނީ، އެމެރިކާގެ ޑްރޯން ރަޝިޔާގެ ވައިގެ ސަރަޙައްދާ ވަރަށް ގާތުން ދަތުރުކޮށްފައިވާ ކަމުގައެވެ. ނަމަވެސް، ޑްރޯން ވެއްޓުނީ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާދިނުމުން ކަމަށް އެމެރިކާއިން ކުރާ ތުހުމަތު ރަޝިޔާއިން ދޮގު ކުރެއެވެ. ރަޝިޔާއިން ބުނީ، ޑްރޯން "އިންޓަރސެޕްޓް" ކުރި ނަމަވެސް، އެ އުޅަނދަށް ހަމަލާދީފައި ނުވާނެ ކަމުގައެވެ.

ނަމަވެސް، އެމެރިކާއިން ވަނީ ޑްރޯންގެ ކެމެރާއިން ނަގާފައިވާ ވީޑިޔޯތައް ޢާންމުކޮށްފައެވެ. ވީޑިޔޯއިން ފެންނަނީ، ރަޝިޔާގެ އަސްކަރީ އުޅަނދު ޑްރޯންއާ ވަރަށް ގާތުން ދަތުރުކުރުމަށްފަހު، ޑްރޯންގެ މައްޗަށް އަރައި، "ފިޔުލް ޑަމްޕް" ނުވަތަ ތެޔޮ ބޭރަށް ދޫކޮށްލާ މަންޒަރެވެ. ރަޝިޔާގެ އުޅަނދުތައް ދެ ފަހަރެއްގެ މަތިން ޑްރޯންގެ މަތިން ތެޔޮ ސްޕްރޭ ކުރެއެވެ.

ދެވަނަ ބުރުގައި، ޑްރޯންގެ ފަހަތުގައި އިންނަ ބުރަފައްޗަށް ގެއްލުންވާ ކަމުގައި އެމެރިކާއިން ބުނެއެވެ. އަދި، ބުރަފަތީގެ އެއް ފިޔަ ބަނޑިވެފައިވާ މަންޒަރު ވީޑިޔޯއިން ފެނެއެވެ. ބުރަފައްޗަށް ގެއްލުންވެފައި ވަނީ ރަޝިޔާގެ މަތިންދާބޯޓުން ޑްރޯންގައި ޖެއްސުމުން ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. މިއީ، 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން، އެމެރިކާއާއި ރަޝިޔާގެ އަސްކަރިއްޔާއާ ދެމެދު ހިނގާފައިވާ މި ފަދަ ފުރަތަމަ ކުރިމަތިލުމެވެ.

މި ހާދިސާއާ ގުޅިގެން ރަޝިޔާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި، މިއީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ބެލުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ގޮވައިލާފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، ރަޝިޔާގެ ނުރައްކާތެރި ކަން މި އަމަލުން ރަމްޒުކޮށްދޭ ކަމުގައެވެ. ޑްރޯން ވެއްޓުމުގެ ކުރިން، އޭގައި ހަރުކޮށްފައިވާ ޖާސޫސީ އަދި އިލެކްޓްރޯނިކް އާލާތްތަކުގައި ރައްކާކޮށްފައިވާ މަޢުލޫމާތު ފޮހެލާފައިވާނެ ކަމުގައި އެމެރިކާއިން ބުނެއެވެ.