ޚަބަރު

ޖިނީންގައި ޝަހީދުކޮށްލި ހަތަރު މީހުންގެ ޖަނާޒާ ބާއްވައިފި


ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ހުޅަނގު އައްސޭރީގެ ޖިނީނަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ޝަހީދުކޮށްލި ފަލަސްޠީނުގެ ހަތަރު މީހުންގެ ޖަނާޒާ ބާއްވައިފިއެވެ. ޔަހޫދީ ޓެރެރިސްޓު ސިފައިންގެ ޝިކާރައަކަށްވެ ޝަހީދުވި މީހުންގެ ތެރޭގައި 16 އަހަރުގެ ޒުވާން ކުއްޖެއް ވެސް ހިމެނެއެވެ.

ޝަހީދުކޮށްލާފައިވާ މީހުންނަކީ 16 އަހަރުގެ އުމަރު އަވާދީނާއި، 37 އަހަރުގެ ލުޣައްޔު އަލް-ޒުޣައިރާއި، 28 އަހަރުގެ ނިދާލް ޚާޒިމާއި، 29 އަހަރުގެ ޔޫސުފް ޝްރީމެވެ. ޔަހޫދީ ސިފައިންގެ އުދުވާންތަކުގައި އިތުރު 23 މީހަކު ޒަޚަމުކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާއިރު، މީގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިޔަސްއެވެ.

ޔަހޫދީ ސިފައިން ބުނީ، ޖިނީނަށް އަރައި ފަލަސްޠީނުގެ ރައްޔިތުންނަށް ބަޑީގެ ހަމަލާތަކެއް ދީފައި ވަނީ، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު، ޔަހޫދީ ސިފައިންނަށް ހަމަލާދޭން މަސައްކަތް ކުރުމުން ކަމުގައެވެ. އަދި، ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ދެ މުޖާހިދުން ހިމެނޭ ކަމުގައި ޔަހޫދީ އަސްކަރިއްޔާއިން ބުންޏެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ އިސްލާމިކް ޖިހާދު ޖަމާޢަތުން ބުނީ، ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން ޚާޒިމަކީ އެ ޖަމާޢަތުގެ މެންބަރެއް ކަމުގައެވެ. އަދި، ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ބުނެފައި ވަނީ ޝްރީމަކީ އެ ޖަމާޢަތުގެ ހަތިޔާރުއެޅި ގޮފި – އަލްޤައްސާމް ބްރިގޭޑްސްގެ މެންބަރެއް ކަމުގައެވެ.

އެ މީހުން ޝަހީދުކޮށްލާފައި ވަނީ އަބޫ ބަކުރު މަގުގައި ހިންގި އުދުވާންތަކެއްގައި ކަމަށް ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުނެއެވެ. މި އުދުވާންތައް ހިންގާފައި މި ވަނީ، ފަލަސްޠީނާއި އިސްރާޢީލާ ދެމެދު ސިޔާސީ ހަމަޖެހުން ގާއިމުކުރުމާ ގުޅޭ މަޝްވަރާތަކަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

މިޞްރާއި އުރުދުނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ބާއްވާ މަޝްވަރާތައް ކުރިއަށްދާނީ މިޞްރުގެ ރިސޯޓު ރަށް – ޝަރްމުއް ޝައިޚްގައެވެ. މި މަޝްވަރާތަކުގެ ބޭނުމަކީ، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ފަލަސްޠީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. ނަމަވެސް، ފާހަގަކޮށްލަން ޖެހޭ ކަމަކީ، ރަމަޟާން މަހާ ދިމާކޮށް ޔަހޫދީ އިސްރާޢީލުން ހިންގާ ލާއިންސާނީ އުދުވާންތައް މީގެ ކުރީ އަހަރުތަކުގައި އިތުރުކޮށްފައިވާކަމެވެ.

ޔަހޫދީ ޖައްބާރު ސިފައިން މި އަހަރުގެ ތެރޭގައި ހިންގާފައިވާ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 85 އަށްވުރެ އިތުރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. އުމުރުން ދުވަސްވީ އަންހެނެއް ވެސް ވަނީ ޝަހީދުކޮށްލާފައެވެ. ޔަހޫދީން ހުޅަނގު އައްސޭރިއަށް އަރައި، ފަލަސްޠީނުގެ މުސްލިމުން އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައަށް ފަހުއެވެ.