ޚަބަރު

"މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ބަލާފައި އަސްލު ޗެޓަޖީއަށް ރޮވިއްޖެ


މިއަދު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ބަތަލާ ރާނީ މުކަރްޖީގެ އައު ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ބަލާފައި އަސްލު މިސިޒް ޗެޓާޖީއަށް ރޮވިއްޖެއެވެ.

ނޯވޭގައި ދިރިއުޅޭ އިންޑިއާގެ ދެމަފިރިއެއްގެ ދަރިންތަކެއް ނޯވޭގެ ވެލްފެއާ އަށް ނެގުމުން ދަރިންގެ ހައްގު ހޯދަން މަޔަކު ކުރާ ހިތްވަރުގަދަ މަސައްކަތް ދައްކުވައިދޭ މި ފިލްމު ސިނަމާތަކަށް ގެނައުމުގެ ކުރިން މި ފިލްމު ވަނީ މީގެ އަސްލު މަންމަ ސާގަރިކާ ބައްޗާރިޔާ އަށް ދައްކާފައެވެ. ފިލްމު ބެލުމަށްފަހު ސާގަރިކާ ވާހަކަ ދައްކާ ވީޑިއޯ އެއް ޕްރޮޑަކްޝަން ޓީމުން ވަނީ އާންމުކޮށްފައެވެ.


އެ ވީޑިއޯގައި ސާގަރިކާ ބުނާ ގޮތުގައި އޭނާއަކީ ރަނގަޅު ނުވަތަ ގޯސް މަންމަ އެއް ކަމެއްވެސް އޭނާއަކަށް ނޭނގޭ ކަމަށާއި، ނަމަވެސް އޭނާ އަކީ މަންމަ އެއް ކަމަށެވެ. އަދި ދަރިންގެ ހައްގުގައި މަންމަ އެއް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް އޭނާ ބުންޏެވެ. އޭނާގެ އަސްލު ވާހަކަ ފިލްމުގައި ވަރަށް ރަނގަޅަށް ގެނެސްދިފައިވާ ކަމަށް ސާގަރިކާ ބުންޏެވެ.

މި ފިލްމަކީ ޑައިރެކްޓަރު / ޕްރޮޑިއުސަރު ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓަށް އާޝިމާ ޗިބާރް ޑައިރެކްޓްކޮށްފައިވާ ޑްރާމާ ފިލްމެވެ. މި ފިލްމުގެ ކާސްޓްގައި ނީނާ ގުޕްތާ އާއި ޖިމް ސަރްބްގެ އިތުރުން އަނިރްބަން ބަޓަޗަރިއާ ވެސް ހިމެނެއެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، މާ ބޮޑު ތަރުޚީބެއް ނުލިބުނު "ބަންޓީ އޯރް ބަބްލީ 2" އެވެ.