ޚަބަރު

ރޮހިންޔާ ރެފިޔުޖީން އަނބުރާ ޤައުމަށް ފޮނުވާލަން މަޝްވަރާކުރަނީ


ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ ރެފިޔުޖީން އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވައިލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް މިޔަންމާ ސަރުކާރުގެ ވަފުދެއް ބަންގްލަދޭޝަށް ދަތުރުކޮށްފިއެވެ. ބަންގްލަދޭޝްގެ ސަރުކާރުން ބުނީ، މިޔަންމާގެ އޮފިޝަލުންގެ ވަފުދުން ކުރި ދަތުރުގައި، ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ ރެފިޔުޖީންނާ ބައްދަލުކޮށް މަޝްވަރާތައް ބާއްވާފައިވާ ކަމުގައެވެ.

މި ދަތުރުގެ ބޭނުމަކީ، ރޮހިންޔާ ރެފިޔުޖީން އެނބުރި މިޔަންމާއަށް ދިޔުމާ ގުޅޭ ގޮތުން މަޝްވަރާތައް އަލުން ފެށުމެވެ. މި މަޝްވަރާތައް އެންމެ ފުރަތަމަ ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އަދި، ރޮހިންޔާ ރެފިޔުޖީން އެނބުރި މިޔަންމާއަށް ގެންދިޔުމަށް އެ ޤައުމުން އެއިރު އެއްބަސްވި ނަމަވެސް، މި ކަމާ ގުޅޭ މަޝްވަރާތައް ވަނީ ހުއްޓިފައެވެ.

ރޮހިންޔާ މުސްލިމުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު ބަންގްލަދޭޝަށް ހިޖުރަކޮށްފައި ވަނީ މިޔަންމާ ސަރުކާރުން އެ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުން ސަލާމަތްވުމަށެވެ. 2017 ވަނަ އަހަރު އެކަނިވެސް 750,000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ބަންގްލަދޭޝަށް ހިޖުރަކޮށްފައިވެއެވެ. އެ މީހުން ދިރިއުޅެމުން ދަނީ، ފުރިބާރުވެފައިވާ ރެފިޔުޖީ ކޭމްޕުތަކުގައެވެ. ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންގެ ޢަދަދު މިހާރު މިލިޔަނަކަށް ވުރެ އިތުރުވާނެއެވެ.

ބަންގްލަދޭޝްގެ ރެފިޔުޖީންނާ ބެހޭ ކޮމިޝަނަރުގެ ނައިބު ޝަމްސަދް ދޫޒާ ވިދާޅުވީ، ރޮހިންޔާ ރެފިޔުޖީން އެނބުރި މިޔަންމާއަށް ގެންދިޔުމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވުމަށް އެ ޤައުމުގެ އިމިގްރޭޝަނާ ބެހޭ އިދާރާގެ 17 މެންބަރުންގެ ވަފުދެއް ބަންގްލަދޭޝަށް ދަތުރުކޮށްފައިވާ ކަމުގައެވެ. އަދި، އެ މީހުން 700 އެއްހާ ރޮހިންޔާ ރެފިޔުޖީންނާ އިންޓަރވިއު ކުރަން ހަމަޖެހިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މިއީ، މި ފަދަ މަޝްވަރާތަކެއް ކުރުމަށް މިޔަންމާގެ އޮފިޝަލުންތަކެއް ބަންގްލަދޭޝަށް ޒިޔާރަތްކޮށްފައިވާ ފުރަތަމަ ފަހަރެވެ. ނަމަވެސް، ރޮހިންޔާ މުސްލިމުން ގަދަބާރުން އަނބުރާ ޤައުމަށް ފޮނުވައިލުމުގެ ވިސްނުމެއް ނެތް ކަމުގައި ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ ޗައިނާއިންނެވެ. ބަންގްލަދޭޝްގައި ހުންނަވާ ޗައިނާގެ ސަފީރު ޔާއޯ ވެން ވިދާޅުވީ، މަޝްވަރާތަކަށް ފަހު ރޮހިންޔާ ރެފިޔުޖީން އެނބުރި މިޔަންމާއަށް ގެންދިޔުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ރާވާފައިވާ ކަމުގައެވެ. އެ މީހުން ބަދަލުކުރަން ހަމަޖެހިފައިވާ ސަރަޙައްދުތައް ބެލުމަށް ޗައިނާއާއި ބަންގްލަދޭޝްގެ އޮފިޝަލުން މި މާރިޗު މަހުގެ ތެރޭގައި ވަނީ މިޔަންމާއަށް ވެސް ޒިޔާރަތްކޮށްފައެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުގެ ދުއްތުރާތަކުން ސަލާމަތްވުމަށް އެ ޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ ގިނަ ޢަދަދެއްގެ ބަޔަކު ބަންގްލަދޭޝަށް ހިޖުރަކުރި ނަމަވެސް، އެ މީހުން އެ ޤައުމުގައި ވެސް ރެފިޔުޖީ ކޭމްޕުތަކުގައި ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައެވެ. އަދި، އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ކަނޑުމަގުން އިންޑޮނީޝިޔާއާއި މެލޭޝިޔާއަށް ހިޖުރަކޮށްފައެވެ. މި ދަތުރުގައި ގިނަ ޢަދަދެއްގެ ބަޔަކު ކަނޑުވެ، މަރުވެފައިވެއެވެ.