ޚަބަރު

ކޮލަމްބިޔާގެ މައިނެއްގައި އެއްޗެއް ގޮވައި 11 މީހުން މަރުވެއްޖެ


ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ ކޮލަމްބިޔާގެ ބޯޓުދެލި ނަގާ މައިނެއްގެ ތެރޭގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން 11 މީހުން މަރުވެ، އިތުރު 10 މީހަކު މައިންގެ ތެރޭގައި ތާށިވެއްޖެއެވެ. މައިންގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް އޮފިޝަލުން މަސައްކަތް ކުރަމުންދާއިރު، މައިންގެ ތެރެއިން އޮކްސިޖަން ހުސްވަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެ މީހުން ދިރިތިއްބާ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ.

ކޮލަމްބިޔާގެ ކުންދިނަމަރްކާ ސަރަޙައްދުގައި ހުންނަ ބޯޓުދެލި ނަގާ މައިނެއްގައި ހިނގާފައިވާ މި ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އެ ޤައުމުގެ ރައީސް ގުސްތާވޯ ޕެޓްރޯ ވަނީ ސިފަކުރައްވާފައެވެ. އަދި، މައިންގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ކުންދިނަމަރްކާގެ ރަށެއް ކަމުގައިވާ ސުތަތައުސާގެ މައިންގެ ތެރޭގައި ތާށިވި ދެ މީހަކު މިހާތަނަށް ސަލާމަތް ކުރެވިފައިވާ ކަމުގައި އެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ޓީމުން ބުނެއެވެ. މި މަސައްކަތުގައި 100 އަށްވުރެ ގިނަ މީހުންގެ ޓީމަކުން ހަރަކާތްތެރިވަމުންދާ ކަމުގައި ކުންދިނަމަރްކާގެ ގަވަރުނަރު ނިކޮލަސް ގާރްސިޔާ ވިދާޅުވިއެވެ. އެ މީހުން ތާށިވެފައި ވަނީ މައިންގެ 900 މީޓަރު އަޑީގައެވެ.

މައިންގެ ތެރޭގައި ބާރުގަދަ އެއްޗެއް ގޮވާފައި ވަނީ، އެ ތަނުގެ ތެރޭގައި އުފެދިފައިވާ ނުރައްކާތެރި ގޭހެއްގައި ރޯވުމުން ކަމަށް ބެލެވޭ ކަމުގައި މި ހާދިސާ ތަހުޤީޤު ކުރާ ޓީމުން ބުނެއެވެ. އަދި، އަލިފާން ރޯވެފައި ވަނީ، މައިންގެ ތެރޭގައި މަސައްކަތްކުރި މީހުން ގެންގުޅުނު އިލެކްޓްރިކް ޓޫލެއްގައި ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.

ތެލާއި ބޯޓުދެއްޔަކީ ކޮލަމްބިޔާއިން އެންމެ ގިނަ ޢަދަދަކަށް އެކްސްޕޯޓު ކުރާ ދެ އުފެއްދުމެވެ. ބޯޓުދެލި ނަގާ މައިންތަކުގައި މި ފަދަ ހިތާމަވެރި ހާދިސާތައް ހިނގުމަކީ ކޮލަމްބިޔާގައި ޢާންމު ކަމެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. މީގެ އެއް ސަބަބަކީ، އެ ފަދަ މަސައްކަތްކުރާ ބައެއް މައިންތަކަކީ ޤަވާޢިދާ ޚިލާފަށް ހިންގާ ތަންތަނަށްވުމެވެ.

2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ މޭ މަހާ ދެމެދު ކޮލަމްބިޔާގެ މައިންތަކުގައި 1,260 އަށްވުރެ ގިނަ ހާދިސާ ހިނގާފައިވެއެވެ. އަދި، މި ހާދިސާތަކުގައި 103 މީހުން މަރުވެފައިވާ ކަމުގައި ރެކޯޑުތަކުން ދައްކައެވެ. ކޮލަމްބިޔާގެ ބޯޓުދެލި ނެގުމުގެ ސިނާޢަތުގައި 130,000 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރެއެވެ.