ޚަބަރު

ބީއެމްއެލް އިސްލާމިކް ފައިނޭންސިންއިން 1.2 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އަދި މުދާ


ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންއިން 1.2 މިލިއަން ރުފިޔާއާ ހަމައަށް ނަގުދު ފައިސާ ނުވަތަ މުދާ ނެގޭނެކަމަށް ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިޑާޅުވެއްޖެއެވެ.

ބީއެމްއެލްއިން ވިދާޅުވީ އިސްލާމިކް ޕަރސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށް، މުދާ ގަތުމަށް، ޚިދުމަތެއް ފައިނޭންސް ކުރުމަށް އަދި ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ފައިނޭންސް ކޮށްދޭނެކަމަށެވެ. އަދި މިފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ލިބޭ ޚިދުމަތް ފޯރުކޮށްދެނީ، އިސްލާމިކް ބޭންކިންގގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް އުސޫލުންކަމަށް ބީއެމްއެލް ވިދާޅުވެއެވެ.

ތަވައްރުޤްއަކީ މުދަލެއް ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ. މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ނަގުދު ފައިސާ ލިބި، މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި އަވަހަށް ފައިސާ ދެއްކުމުން، ބޭންކުގެ އުޞޫލުތަކާ އެއްގޮތަށް ޑިސްކައުންޓެއް ލިބުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް އެބޭންކުން ވިދާޅުވެއެވެ.

ބީއެމްއެލްއިން ވިދާޅުވާ ގޮތުގައި އެބޭންކުގެ ޕަރސަނަލް ފައިނޭންސިންއަށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ހުށައެޅޭނެކަމަށެވެ. އަދި އެފިސލިޓީ ޕްރޮސެސްކުރަން 5 ދުވަހުގެ މުއްދަތެއް ވަނީ އެބޭންކުން ކަނޑައަޅާފައެވެ.

މީގެއިތުރުން، ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއަށް މުސާރަ، ކުލިން ލިބޭ އާމްދަނީ، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ، ރިޓަޔަރމަންޓް ޕެންޝަން އަދި ވެރިފައިކުރެވޭ އެހެނިހެން ކޮންމެ އާމްދަނީއެއްވެސް ބަލައިގަނެވޭނެއެވެ.

ބީއެމްއެލްއިން ދޫކުރާ ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއިން ރޭޓަކީ އަހަރަކަށް 15 އިންސައްތައެވެ. އަދި ފެސިލިޓީ ދޫކުރެވޭނީ ފަސް އަހަރުގެ ތެރޭގައި ފެސިލިޓީ ދައްކާ ހަލާސްކުރާ ގޮތަށެވެ.