ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ


ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުންގޯސްވެ، ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހިސާބަށް ވައިޓް އެލާޓްވެސް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށެވެ. އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 6 ގަޑިއިރާއި 8 ގަޑިއިރަށް ބަލާއިރުވެސް މެދުރާއްޖެތެރޭގެ އެކި އަތޮޅުތަކަށް މޫސުންގޯސްވާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށްވެސް މިރޭ ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެހެންނަމަވެސް ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާން ފަށާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ މޫސުން ކުރިއަށްއޮތް 24 ގަޑިއިރަށް ލަފާކުރާގޮތަށް ބަލާއިރު އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އިރާއި އިރުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.