ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ރަޝިޔާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން އ.ދ.ގެ އޮފިޝަލުން ރަޝިޔާގެ އޮފިޝަލުންނާ މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ބާއްވާފައި ވަނީ ސްވިޓްޒަލެންޑުގެ ޖެނީވާގައެވެ. ރަޝިޔާގެ އޮފިޝަލުންނާ އެކު އ.ދ.އިން މަޝްވަރާތައް ބާއްވާފައި މި ވަނީ، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވުމާ ގުޅިގެންނެވެ.
މި ބައްދަލުވުމުގައި އ.ދ. ތަމްސީލު ކުރައްވާފައި ވަނީ އިންސާނިއްޔަތާ ގުޅޭ ކަންކަން ވިލަރެސްކުރާ އިދާރާ (އޯ.ސީ.އެޗް.އޭ)ގެ އަންޑަރސެކްރެޓަރީ ޖެނެރަލް މާޓިން ގްރިފިތްއާއި އ.ދ.ގެ ވިޔަފާރިއާއި ތަރައްޤީއާ ބެހޭ އިދާރާ (ޔޫ.އެން.ސީ.ޓީ.އޭ.ޑީ)ގެ އިސްވެރިޔާ ރެބެކާ ގްރިންސްޕޭންއެވެ. އެ ބޭފުޅުންނާ އެކު މަޝްވަރާތަކެއް ފަށާފައިވާ ކަން ރަޝިޔާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އ.ދ.އާއި ތުރުކިވިލާތުން މެދުވެރިއެއްގެ ދައުރު އަދާކޮށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވާއިރު، އެ އެއްބަސްވުމުގެ ކަންކަން އޮތީ ނާޒުކު ހާލަތެއްގައި ކަމުގައި އ.ދ.އިން ބުނެއެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައާ ގުޅިގެން ހުއްޓިފައި އޮތް ގޮވާން އެކްސްޕޯޓުކުރުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ 2022 ޖުލައި މަހުއެވެ.
އެ އެއްބަސްވުމުގެ މުއްދަތު 2022 ނޮވެންބަރު ވަނީ ހަމަވެފައެވެ. އަދި، މަޝްވަރާތަކަށް ފަހު ރަޝިޔާއާއި ޔޫކްރެއިނުން ވަނީ އެއްބަސްވުމުގެ މުއްދަތު މި ހިނގާ މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑަށް ޖެހިފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް، މި އެއްބަސްވުމުގެ މުއްދަތު އަލުން އިތުރުކުރުން މުހިންމު ކަމުގައި އ.ދ.އިން ބުނެއެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން ޖެނީވާގައި ކުރިއަށްދާ މަޝްވަރާތަކުގައި، އެއްބަސްވުމުގެ މުއްދަތު އިތުރު 60 ދުވަހަށް އިތުރުކުރަން ރަޝިޔާއިން ވަނީ ހުށަހަޅާފައެވެ. ނަމަވެސް، މިއީ ޔޫކްރެއިނުން ހިތްހަމަޖެހޭ މުއްދަތެއް ނޫނެވެ. އަދި، އެ ޤައުމުން ވަނީ ރަޝިޔާގެ ހުށަހެޅުން ގަބޫލުނުކުރާނެ ކަމަށް ބުނެފައެވެ. މި ކަމާ ގުޅޭ ގޮތުން ތުރުކީވިލާތުން ބުނީ، އެއްބަސްވުމުގެ މުއްދަތު އިތުރު 120 ދުވަހަށް އިތުރު ކުރުމަށް ރަޝިޔާއާ މެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމުގައެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ފެށި ހަނގުރާމައިގެ ކުރިން ޔޫކްރެއިނަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނަ ޢަދަދަކަށް ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރަމުން ދިޔަ ޤައުމެވެ. ނަމަވެސް، ހަނގުރާމައާ ގުޅިގެން އެ ކަމަށް ހުއްޓުންއަރައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މިލިޔަން މީހުންނަށް ކާބޯތަކެއްޗަށް ޖެހުނެވެ. އަދި، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔައެވެ.
ހަނގުރާމަ ފެށުމާ ގުޅިގެން ޔޫކްރެއިނުގެ ބަނދަރުތަކުގައި 20 މިލިޔަން ޓަނުގެ ގޮވާމުގެ ބާވަތްތައް ތާށިވިއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހު އެކުލަވައިލި އެއްބަސްވުމުގެ ދަށުން މި އަހަރުގެ މިހާތަނަށް 24.1 މިލިޔަނަށްވުރެ ގިނަ ޓަނުގެ ގޮވާމުގެ ބާވަތްތައް ޔޫކްރެއިނުން ބޭރުކޮށްފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ. އެއްބަސްވުމުގެ މުއްދަތު އަލުން އިތުރު ކުރުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.
އެއްބަސްވުމުގައިވާ ގޮތުން، ރަޝިޔާގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ވެސް ފުރުޞަތު ދޭން ޖެހޭނެއެވެ. އަދި، ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ގޮވާން އެކްސްޕޯޓު ކުރުމަށް ކޮށްގެން ނުވާނެއެވެ. ނަމަވެސް، ރަޝިޔާއިން ގޮވާން އެކްސްޕޯޓު ކުރުމަށް ހުޅަނގުން ހުރަސްއަޅަމުންދާ ކަމުގައި ރަޝިޔާއިން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި، މި ކަމުގެ ސަބަބުން އެއްބަސްވުމަށް ހުރަސް އެޅިދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.