ޚަބަރު

ވިލާ ކޮލެޖުގެ މެއި އިންޓޭކުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ވިލާ ކޮލެޖުގެ 2023 ވަނަ އަހަރު މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަންނަ މެއިމަހު ފެށުމަށް ހަމަޖެހިފައިވާ އިންޓޭކުގައި އެކި ދާއިރާތަކުން ޖުމްލަ 139 ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ވިލާ ކޮލެޖުން ވަނީ ހުޅުވާލާފައެވެ. މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 16 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ / ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ޑިގްރީ ފެންވަރުގެ 38 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 29 ކޯހަކާއި، ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 16 ކޯހަކާއި، ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ހަމަޖެހިފައިވެއެވެ.

މެއި 2023 އަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައް ހިމެނެއެވެ. އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެއްކަމަށް އެ ކޮލެޖުން ބުނެއެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް، ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައިވެސް ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ. ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 30 އޭޕްރީލް 2023 ވާ އަންގާރަ ދުވަހެވެ. ކޯސްތަކުގެ ކިޔެވުން، މެއި މަހުގެ ފަހު ހަފްތާ ތެރޭގައި ފެށޭނެއެވެ.