ޚަބަރު

ޝަރުޢީ ދާއިރާގައި އަންހެނުންނަށް ދިމާވާ ދަތިތައް ދެނެގަނެ، ހައްލުތައް ހޯދަންޖެހޭ: އުއްތަމަ ފަނޑިޔާރު


އަދުލްއިންސާފު ޤާއިމްކުރުމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބަލައި، އެކަންކަމަށް ހައްލު ހޯދައިދޭން މަސައްކަތްކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއަތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދެ ދުވަހުގެ މުއްދަތަކަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށްގެންދާ ހަމަޖެހިފައިވާ "މޯލްޑިވްސް ވުމަންސް ޖަޖާރސް ކޮންފަރަންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ

ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންތިޒާމްކޮށްގެން ބާއްވާ އަންހެން ފަނޑިޔާރުންގެ މަހާސިންތާއަކީ ފަނޑިޔާރުންނާއި އެއްތަނަކުން ބައްދަލުވެ، އިލްމާއި ތަޖްރިބާ ހިއްސާކުުރުމާއެކު މި ދާއިރާގައި އަންހެން ފަނޑިޔާރުންނަށް ފަހި މާހައުލެއް ޤައިމު ކުރުމަށްޓަކައި ކުރެވޭނެ ކަންކަން ދެނެގަނެ، އެކަންކަމަށް އަމަލީ ސިފަ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއަތަސިމް އަދުނާންއެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮހްސެލަރއާއި އެކި ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއަތަސިމް އަދުނާން ވިދާޅުވީ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރާއިރު އަންހެން ފަނޑިޔާރުންނާއި ފިރިހެން ފަނޑިޔާރުންނަށް ބޭނުންވާ ކަންކަން އޭގެ ޒާތުގައި ތަފާތުވާނެކަމަށެވެ. އަދި އެއް ގިންތިއަށް ކުރިމަތިވާ ކަންކަން އަނެއް ގިންތިއަށް ކުރިމަތިވުމުން ނިކުންނަ ނަތީޖާ ތަފާތު ވެދާނެކަމަށާއި އަދި ކުރިމަތިވާ ދަތިތައްވެސް ތަފާތުވެދާނެކަމަށެވެ.

ފަނޑިޔާރުންގެ އިތުރުން، ފަނޑިޔާރު ގޭގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ހައްލުކުރުމަށްވެސް މަސައްކަތްކުރަންޖެހޭކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

"އެކަންކަން ހައްލުކުރެވޭނީ އެކަންކަން ދެނެގަނެ އިދާރީ އިންތިޒާމްގެ ތެރެއިންވެސް ހަމަޖައްސަން ޖެހޭ ކަންތައްތަކެއް ހުރިނަމަ، އަދި ހޯދަންޖެހޭ ހައްލުތަކެއް ހުރިކަމަށްވަންޏާ އެ ހައްލުތައްވެސް ހޯދައިގެން" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓަށް މީޙުން ހާޒިރުކުރުމުގައި އަދި މައްސަލަތައް ހިންގުމުގައި މިންތީގެ ހަމަހަމަކަމުގެ ނަޒަރު ގެންގުޅުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ.

"މައްސަލަތައް ތާވަލުކުރުމުގައި އާއި ކޯޓަށް ހާޒިރުވާން ދެވޭ މުއްދަތު ކަނޑައެޅުމުގައި އެކަށީގެންވާ ސަބަބުތައް ރިޔާއަތްކުރެވި އެކަންކަމުގައި ރާއްޖޭގައި އަމަލުކުރާނެ އެއްގޮތް އުސޫލުތަކެއް އެބަ ކަނޑައަޅަންޖެހޭ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިން ވިދާޅުވީ އަންހެން ފަނޑިޔާާރުންނާއި ފިރިހެން ފަނޑިޔާރުން މިންތީގެ ގޮތުން ހަމަހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާާބުވި ކަމަށް ވާނީ އެކަމުގެ ތަފާސްހިސާބުތަކަށް ބަލަން ނުޖެހޭ ދުވަހަކުންކަމަށެވެ. އަދި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ބައިވެރިވުމާއި ހިއްސާ ޖުޑީޝަރީގައި އޮތުމަކީ އަދުލްއިންސާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްކަމަށްވެސް ހިސާން ވިދާޅުވިއެވެ.

"ހަމަހަމަކަން ގާއިމު ކުރުމަށް ފަނޑިޔާރުގޭގައި ތިބެން ޖެހޭނީ ކިހާ އަދަދަކަށް އަންހެން ފަނޑިޔާރުންތޯ ކުރާ ސުުވާލުގެ ޖަވާބު ވަރަށް ސާފް. ކޯޓުތަކުގައި ތިބޭ އަންހެން ފަނޑިޔާރުންގެ ތަފާސް ހިސާބުތައް ބަލަހައްޓަން ނުޖެހޭ ދުވަހަކުން އެ ހަމަހަމަކަން ގާއިމުވާނެ. ކޯޓުތަކުގައި ތިބޭ ފިރިހެން ފަނޑިޔާރުންގެ އަދަދު ނުބަލާހެން އެ ދުވަހަކުން މި ސުވާާލެއްވެސް ނުއުފެދޭނެ،" ހިސާން ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ފަނޑިޔާރުންގެ މަހާސިންތާ ކުރިއަށްދާނީ 7 ޝެޝަންއަކަށް ބަހާލައިގެންނެވެ. މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެ، ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.