ޚަބަރު

ސާރާގެ "ގޭސް ލައިޓް" ގެ ފުރަތަމަ ޕޯސްޓަރު މިއޮތީ


މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ޑިޒްނީ+ އިން ސްޓްރީމް ކުރެވޭނެ ގޮތަށް ހަމަޖައްސާފައިވާ ސާރާ އަލީޙާންގެ މާޑާ މިސްޓަރީ "ގޭސްލައިޓް" ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފިއެވެ.

މި ފިލްމަކީ ސިއްރު މަރެއްގެ ޙަޤީޤަތް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ޝައުގުވެރި އެތައް ޙާދިސާއެއް ފެނިގެން ދާނެ އެއްޗެކެވެ. "ގޭސްލައިޓް" ގެ ކާސްޓްގައި ސާރާގެ އިތުރުން ވިކްރާންތު މަސީ އާއި ޗިތުރަންގަދާ ސިންގްވެސް ހިމެނެއެވެ.


ތަފާތު ރޯލަކުން ސާރާ ފެންނަ މި ފިލްމަކީ 2021 ވަނަ އަހަރު ދެއްކި ހޮރާ ކޮމެޑީ "ބޫތު ޕޮލިސް" ގެނެސްދިން ޕަވަން ކިރްޕަލާނީ ޑައިރެކްޓުކޮށްފައިވާ އެއްޗެކެވެ. "ބޫތު ޕޮލިސް" އަކީ ސާރާގެ ބައްޕަ އަދި އެކްޓަރު ސައިފް އަލީޙާން ކުޅެފައިވާ އެއްޗެކެވެ. "ގޭސް ލައިޓް" ގެ ޕްރޮޑިއުސަރަކީވެސް "ބޫތް ޕޮލިސް" ގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ.

ސާރާ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "އަތުރަންގީ ރޭ" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހޯމީ އަދްޖާނިއާ ޑައިރެކްޓުކުރާ "މާޑާ މުބާރަކް" އަދި ވިކީ ކޯޝާލް އާއިއެކު ފެންނަ ލަކްޝްމަން އުތޭކަރްގެ ރޮމޭންޓިކް ކޮމެޑީވެސް ހިމެނެއެވެ.