ޚަބަރު

ބްރެޒިލްގައި ބިންގަނޑު ކެނޑި އަށް މީހުން މަރުވެއްޖެ


ބްރެޒިލްގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ހިނގި ބިންގަނޑު ކެނޑުމުގެ ހާދިސާއެއްގައި އަށް މީހުން މަރުވެއްޖެއެވެ. ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ބްރެޒިލްގެ އުތުރުގައިވާ މަނައުސްއަށެވެ. އެއީ، އެމެޒަން ސަރަޙައްދުގައި އޮންނަ އެންމެ ބޮޑު ރަށެވެ.

ބިންގަނޑު ކަނޑައިގެން ގޮސް، މަނައުސްގެ އަވަށެއް ކަމުގައިވާ ހޮރްހޭ ޓެއިޝެއިރާގައި 11 ގެއެއް އެއްކޮށް ހަލާކުވެފައިވާ ކަމުގައި މަނައުސްގެ އޮފިޝަލުން ވިދާޅުވެއެވެ. ޢިމާރާތްތަކުގެ ދަށުގައި ތާށިވި މީހުން ސަލާމަތް ކުރުމަށް ކުރި މަސައްކަތުން ތިން މީހަކު ސަލާމަތް ކުރެވުނު ކަމުގައި އެމޭޒޯނާސް ސްޓޭޓްގެ އޮފިޝަލުން ވިދާޅުވެއެވެ. ޢިމާރާތްތަކުގެ ދަށުން މަރުވެފައިވާ އަށް މީހެއްގެ ހަށިގަނޑު ވެސް ވަނީ ފެނިފައެވެ.

އެންމެ ފަހުން ފެނިފައި ވަނީ މަޔަކާއި އަންހެން ދަރިއެއްގެ ހަށިގަނޑު ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. އަދި، ޢިމާރާތްތަކުގެ ދަށުގައި އިތުރު މީހުން ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެ މީހުން ސަލާމަތް ކުރުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ބްރެޒިލްއަށް ވަނީ ގިނަ ޢަދަދެއްގެ މޫސުމީ ކާރިސާތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާތަކެއް ކަމުގައި މާހިރުން ބުނެއެވެ. ހުސްވި ފެބުރުވަރީ މަހުގެ ތެރޭގައި ބްރެޒިލްގެ އިރުދެކުނުގައިވާ ސައޮ ޕައުލޯގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ހިނގި ބިންގަނޑު ކަނޑިގެން ދިޔުމުގެ ހާދިސާތަކެއްގައި 65 މީހުން ވަނީ މަރުވެފައެވެ.

ބްރެޒިލްއަކީ 215 މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. އޭގެތެރެއިން 9.5 މިލިޔަން މީހުން ދިރިއުޅެނީ، ބިންގަނޑު ކެނޑުމުގެ ނުރައްކާތެރިކަން އޮތް ސަރަޙައްދުތަކުގައި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މަނައުސްއަށް ބަލައިލާއިރު، 2.3 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ އެ ރަށުގައި ބިންގަނޑު ކެނޑުމުގެ ހާދިސާއެއް ހިނގައިފާނެ ކަމަށް ބެލެވޭ 1,000 އަށްވުރެ ގިނަ ސަރަޙައްދު އޮވެއެވެ.