ބާރުގަދަ ތޫފާން ފްރެޑީގެ ސަބަބުން އެފްރިކާ ބައްރުގެ އިރުދެކުނުގައިވާ މަލާވީއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު 99 އަށް އަރައިފިއެވެ. އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އުފެދުނު ތުފާންތަކުގެ ތެރެއިން އެންމެ ގިނަ ދުވަހަށް ދެމިގެންދިޔަ މި ތޫފާނުގެ ސަބަބުން މަލާވީގެ އިތުރުން މަޑަގަސްކަރައާއި މޮޒަމްބީކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ މަލާވީގެ ދެވަނައަށް އެންމެ ބޮޑު ރަށް ބްލަންޓަޔަރއަށެވެ. ބޯކޮށް ވާރޭވެހި ބެލިންޓަޔަރގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވާއިރު، ގިނަ ސަރަޙައްދުތަކެއްގެ ބިންގަނޑު ވެސް ވަނީ ކަނޑައިގެން ގޮސްފައެވެ. އަދި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ކިސަޑު ފޭބުމާ ގުޅިގެން ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމާ ގުޅިގެން އެ ރަށުގެ ގިނަ ޢަދަދެއްގެ ގެތަކެއް ވަނީ ކިސަޑުތަކުގެ ދަށުވެފައެވެ. އަދި، ކިސަޑުތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ބަޔަކު ހޯދައި، އެ މީހުން ސަލާމަތް ކުރުމަށް އެ ރަށުގެ ރައްޔިތުން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.
އެ ސަރަޙައްދުގެ ގެތައް ޢިމާރާތްކޮށްފައި ވަނީ ކިސަޑާއި ގައު ބޭނުންކޮށްގެންނެވެ. މި މަސައްކަތުގައި އެހީތެރިވުމަށް ސަރުކާރުން ފުލުހުންނާއި ސިފައިން ފޮނުވާފައި ވަނީ، ހާދިސާ ހިނގިތާ އެތަކެއް ގަޑިއިރުތަކެއް ފަހުން ކަމުގައި އެ ރަށުގެ ރައްޔިތުން ބުނެއެވެ. އަދި، ކިސަޑުތަކުގެ ދަށުން މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެންނަމުންދާއިރު، މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އެތަކެއް ގުނައަށް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.
ބެލިންޓަޔަރގެ 10 ޑިސްޓްރިކްޓަކަށް ތޫފާނުގެ އަސަރުކޮށް ފެންބޮޑުވެފައިވާއިރު، އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ 11,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ. މީގެ ތެރެއިން 1,000 އަށްވުރެ ގިނަ މީހުންނަށް މިހާރު ވަގުތީ ހިޔާވަހިކަން ވަނީ ހަމަޖައްސައިދީފައެވެ.
މިއީ، ތޫފާން ފްރެޑީ ދެކުނު އެފްރިކާގެ ސަރަޙައްދުތަކަށް އެރި ދެވަނަ ފަހަރެވެ. އެ ސަރަޙައްދަށް ތޫފާން ފުރަތަމަ އަރާފައި ވަނީ ފެބުރުވަރީ މަހުގެ ތެރޭގައެވެ. މަލާވީއަށް އެރުމުގެ ކުރިން، މާރިޗު 12 ވަނަ ދުވަހު ފްރެޑީ ވަނީ މޮޒަމްބީކްގެ ސަރަޙައްދުތަކަށް ވެސް އަރާފައެވެ. މޮޒަމްބީކުގެ ކެލަމާނާއަށް ތޫފާން އެރުމުގެ ސަބަބުން ޢިމާރާތެއް ވެއްޓި، އެކަކު މަރުވެފައިވާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ވިދާޅުވިއެވެ. މިއާއެކު، ފްރެޑީއާ ގުޅިގެން ހިނގި އެކި ހާދިސާގައި މޮޒަމްބީކާއި މަޑަގަސްކަރައިގައި މަރުވި މީހުންގެ ޢަދަދު މި ވަނީ 28 އަށް އަރާފައެވެ.
ތޫފާން ފްރެޑީ އުފެދިފައި ވަނީ ފެބުރުވަރީ 6 ވަނަ ދުވަހު އިންޑޮނީޝިޔާ ކައިރިންނެވެ. އަދި، އެއަށްފަހު އިންޑިޔާ ކަނޑު ހުރަސްކޮށް އެ ތޫފާން މި ވަނީ އެފްރިކާ ބައްރާ ހަމައަށް ދަތުރުކޮށްފައެވެ. މި ތޫފާނުގެ އުމުރު ދިގުވެފައި ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައި މޫސުން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން މި ފަދަ ތޫފާންތަކުގެ ބާރާއި ނުރައްކާތެރިކަން ވެސް އިތުރުވަމުންދާ ކަމުގައި އެ ފަރާތްތަކުން ބުނެއެވެ.