ޓެރަރިޒަމްގެ ޙާދިސާއަކަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ދޭ އިޖާބަ ވަޒަންކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްނެގުމާއެކު ޚާއްސަ އެކްސަސައިޒެއް ކުރިއަށްގެންގޮސްފިއެވެ.
"ރިހި އައްސޭރި 2023"ގެ ނަމުގައި ކުރިއަށްގެންދިޔަ އެކްސަސައިޒަކީ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭން (އެން.ޓީ.އާރު.ޕީ) އަށް ޢަމަލުކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޓޭބަލްޓޮޕް އެކްސަސައިޒެކެވެ.
2 ދުވަހަށް ކުރިއަށްގެންދިޔަ މި އެކްސަސައިޒް އޮތީ މި ހަފްތާގެ އާދިއްތަ ދުވަހާއި ހޯމަ ދުވަހުއެވެ.
މި އެކްސަސައިޒްގެ މައިގަނޑު މަޤްޞަދަކީ އެން.ޓީ.އާރު.ޕީ ގައި އަލިއަޅުވާލާ ކުއްލި ޙާލަތްތަކުގައި އިޖާބަދޭ ސަރުކާރުގެ އިދާރާތަކުގެ މެދުގައި އޮންނަ މުވާސަލާތީކަންކަމާއި ވިލަރެސްކުރުން ޓެސްޓުކޮށް، މިފަދަ ޙާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ޤާބިލުކަން ހަރުދަނާކުރުމެވެ.
އަދި މި މަޤްސަދު ހާސިލުކުރުމަށް އިދާރާތަކަށް ބޭނުންވާނެ ތަމްރީނާއި އެކްސަސައިޒްތައް ދެނެގަނެ އިޖާބީ ޙަރަކާތްތައް އިތުރަށް ފުރިހަމަކުރުމެވެ.
އެކްސަސައިޒް "ރިހި އައްސޭރި 2023" އަކީ އެން.ޓީ.އާރު.ޕީ އަށް ޢަމަލުކުރުމަށް ދިވެހި ސަރުކާރާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ހިންގަމުންދާ ޙަރަކާތްތަކުގެ ތެރެއިން އެންމެފަހުގެ ޙަރަކާތެވެ. މި އެކްސަސައިޒްގައި ސަރުކާރުގެ 11 އިދާރާއެއްގެ އޮފިޝަލުން އެއްތަންވެ މަސައްކަތްކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން މީގެ ކުރިންވެސް ކަމާގުޅުންހުރި އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް މިފަދަ ޕްރޮގްރާމަތްތައް ވަނީ ހިންގާފައެވެ.