ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، ހަފްތާއެއް ތެރޭގައި 1390 ޓަނުގެ މަސް ކިރުވާ، 23 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފިއެވެ.
މިފްކޯއިން ވަނީ މިދިޔަ އަހަރުވެސް މަސްވެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ. އެއީ މިފްކޯގެ 12 އަހަރުގެ ތާރީޚުގައިވެސް މަސްވެރިންނަށް އެންމެ ގިނަ ޢަދަދަކަށް ފައިސާ ދޫކުރި އަހަރެވެ.
ރާއްޖޭގެ މަސްވެރިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، މިދިޔަ ދެ ދުވަހު މަސްވެރިކަން ދަށަށް ދިއުމަށްފަހު އަނެއްކާވެސް މަސްވެރިކަން ރަނގަޅުވާން ފަށާފައިވާކަމަށެވެ. އަދި މިހާރު ބައެއް ދޯނިތަކުން 50 ޓަނުގެ މަސް ބާނައިގެން އަންނަ ކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މަސް ކިރުވުމުގައި ދަތިތަކެއް ހުރިކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ.
" ދެ ތިން ދުވަސްކޮށްލާފަވެސް ބޯޓުތައް އެބައާދޭ. ތަންކޮޅެއް ބޭރުން މަސް ބާނަނީ މިހާރު. މިހާރު ބޯޓުތައް އެބައާދޭ 50 ޓަނުގެ މަސް ބާނައިގެންވެސް. އެކަމަކު މަސް ބާނައިގެން ބޯޓުތައް އަންނައިރު ތަންކޮޅެއް ލަހުން އަންނާތީ މަސް ކިރުވުމުގައި ދަތިތަކެއް އެބަހުރި" އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.
މިފްކޯއިން ހާމަކުރާ ގޮތުގައި މިމަހުގެ 5 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1390 ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވެއެވެ. އަދި 23،631،700 ( ތޭވީސް މިލިއަން ހަސަތޭކަ ތިރީސް އެއްހާސް ހަތްސަތޭކަ) ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކުރެއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 300-350 ޓަނުގެ މަސް މިފްކޯއަށް ކިރުވައެވެ. އަދި އަހަރަކަށްވުރެ އަހަރެއް މަސްވެރިން ބާނާ މަހުގެ އަދަދުތައް އިތުރުވަމުންދާކަން މިފްކޯއިން ފާހަގަކުރެއެވެ.
މިފްކޯއިން އަންނަނީ ގޮންޖެހުންތަކާއެކުވެސް މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފްކޯގެ މަސް ކާރުޚާނާތައް އަޕްގްރޭޑުކުރުމުގެ މަސައްކަތްތަކާއި، މަސް ގަންނާނެ އިތުރު ބޯޓުތައް ހޯދުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެވެ.
މި ގެންނަ ބަދަލުތަކާއެކު މަސް ކިރުވުމުގައި މިހާރު ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް މިފްކޯއިން ދެކެއެވެ.