ޚަބަރު

އަޖޭގެ "ސިންގަމް އެގެއިން" އަންނަ އަހަރަށް


ބޮލީވުޑް އެކްޓަރު އަޖޭ ދޭވްގަނާ އެކީ ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދޭ "ސިންގަމް" ފްރެންޗައިޒްގެ 3 ވަނަ ބައި، "ސިންގަމް އެގެއިން" އަންނަ އަހަރުގެ ނޮވެމްބަރު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފިއެވެ.

މި ފިލްމުގެ ޝޫޓިން އަންނަ ޖުލައިމަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު، މީގެ ބަތަލާއަކީ ދީޕިކާ ޕަޑްކޯނެވެ. މި ފިލްމު ވާނީ އަޖޭ އާއި ދީޕިކާ އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމަށެވެ. އަދި މި ފިލްމު ވާނީ ރޯހިތާ އެކީ އަޖޭ މަސައްކަތްކުރާ 11 ވަނަ ފިލްމަށެވެ.

އަޖޭ އަކީ ރޯހިތު ޑައިރެކްޓްކުރި ގިނަ ފިލްމުތަކުގެ ބަތަލެވެ. އޭގެ ތެރޭގައި "ގޯލްމާލް" ފްރެންޗައިޒް ވެސް ހިމެނެއެވެ. ސިންގަމް ކެރެކްޓާއާ އެކީ ރޯހިތު ތައާރަފުކުރި ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓަރއެވެ. އަކްޝޭ ކުމާރާ އެކީ 2021 ވަނަ އަހަރު "ސޫރިޔަވަންޝީ" އިން ގެނެސްދިންއިރު، އޭގައި ވެސް އަޖޭގެ ވަރަށް ޚާއްސަ ފެނިލުމެއް ހިމެނެއެވެ.

2018 ވަނަ އަހަރު އެކްޓަރު ރަންވީރު ސިންގްއާ އެކީ ގައި ގެނެސްދިން "ސިމްބާ" އަކީ ވެސް ރޯހިތުގެ ކޮޕް ޔުނިވާސްގެ އެއް ފިލްމެވެ. އަދި ސިދާތު މަލޯތްރާ އާއި ޝިލްޕާ ޝެޓީ އާއި އެކީ "އިންޑިއަން ޕޮލިސް ފޯސް" ގެ ނަމުގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ކޮޕް ޔުނިވާސް އަށް ސީރީޒެއްވެސް ރޯހިތު އަންނަނީ ހަދަމުންނެވެ.

ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރު 23 ގައި ސިނަމާތަކަށް ގެނައި ކޮމެޑީ ފިލްމު "ސާކަސް" އެވެ. ނަމަވެސް މި ފިލްމު ވެގެން ގޮސްފައި ވަނީ ރޯހިތުގެ ކެރިއަރުގެ މި ފަހުގެ އެންމެ ބޮޑު ފްލޮޕަށެވެ. ރޯހިތަކީ އަބަދު ވެސް ކޮންމެ ފިލްމެއް 100 ކްރޯޑަށް ކުލަބަށް ވައްދާ، އަދި އެވަރުގެ އާމްދަނީއެއް ހޯދި ފިލްމުތައް އެންމެ ގިނައިން އުފެއްދި ބޮލީވުޑްގެ ޑައިރެކްޓަރު ވެސް މެއެވެ.

މި އަހަރު އަޖޭ ފެންނާނެ ފުރަތަމަ ފިލްމަކީ މާރިޗު 30 އަށް ތާވަލުކޮށްފައި އޮތް "ބޯލާ" އެވެ. މިއީ އޭނަ ކުޅެ، ޑައިރެކްޓްކުރި 4 ވަނަ ފިލްމެވެ.