ޚަބަރު

ޔަހޫދީ ސިފައިންގެ ހުއްޓުމެއްނެތް އުދުވާންތަކުގައި ފަލަސްޠީނުގެ އިތުރު ބަޔަކު ޝަހީދުކޮށްލައިފި


ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ހުޅަނގު އައްސޭރީގެ ނާބުލުސްއަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލައިފިއެވެ. މި އުދުވާންތައް ހިންގާފައި ވަނީ ނާބުލުސްގެ ހުޅަނގުގައިވާ ޖީތް ކިޔާ ހަތަރުއަނގޮޅި ކައިރީގައި، ޔަހޫދީ ވަޒަންވެރިން ދިރިއުޅޭ ސަރަޙައްދެއްގައެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ، ޔަހޫދީ ޓެރެރިސްޓު ސިފައިން ދިން ލާއިންސާނީ ހަމަލާތަކެއްގައި ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ޝަހީދުކޮށްލާފައިވާ މީހުންގެ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޔަހޫދީންގެ ޖައްބާރު އަސްކަރިއްޔާއިން ބުނީ، ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލީ، ޔަހޫދީ ސިފައިންނަށް އެ މީހުން ހަމަލާދޭން މަސައްކަތް ކުރުމުން ކަމުގައެވެ. އަދި، އެ މީހުންގެ އަތުގައި "އެމް-16" މަރުކާގެ ބަޑިޔާއި ފިސްތޯލަތަކެއް އޮތް ކަމުގައި ވެސް ޔަހޫދީ ސިފައިން ބުންޏެވެ.

ފަލަސްޠީނުގެ ތިން މީހުން ޔަހޫދީ ސިފައިންނަށް ހަމަލާދީފައިވާ ކަމަށް އެ މީހުން ބުނި ނަމަވެސް، ޔަހުދީ ޖައްބާރު ސިފައިންގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. އަދި، ޔަހޫދީ ޓެރެރިސްޓު ސިފައިންގެ މީހަކު ޒަޚަމުވެފައި ނުވަތަ އަނިޔާވެފައެއް ވެސް ނުވެއެވެ.

އެ ސަރަޙައްދުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންގެ ކައުންސިލުން ވަނީ، ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލުމުން އެކަމާ އުފާފާޅުކޮށް، އެ މީހުން ޤަތުލުކޮށްލުމުގެ ފަހަތުގައި ތިބި ޔަހޫދީ ޓެރެރިސްޓު ސިފައިންނަށް މަރުޙަބާ ކިޔާފައެވެ. އެ ކައުންސިލުގެ އިސްވެރިޔާ ޔޮއްސީ ޑާގަން ބުނީ، ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިވުން ހުއްޓައިނުލާނެ ކަމުގައެވެ.

ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ކުށެއް ނެތް އެތަކެއް ސަތޭކަ ބަޔެއްގެ ލޭއޮހޮރުވައިލުމަށް މީގެ ކުރިން އޯޑަރު ދީފައިވާ އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އިތުރު ދައުރަކަށް ޔަހޫދީ ދަޢުލަތުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވީ ހުސްވި 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.

އެއަށްފަހު، އޭނާގެ ނުބައިނުލަފާ ސަރުކާރުން ވަނީ ފަލަސްޠީނުގެ މުސްލިމުންނަށް ދޭ ހަމަލާތައް އިތުރުކޮށްފައެވެ. އަދި، އޭނާ ވަނީ ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ބަޔެއްގެ ލޭއޮހޮރުވައިލާފައެވެ. ފަލަސްޠީނު ރައްޔިތުން އެ މީހުންގެ ގެދޮރުން ނެރި، އެ މީހުންގެ ގެދޮރު ސުންނާފަތިކޮށްލާފައެވެ. އަދި، އިސްރާޢީލުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަސައްކަތް މެކުހަށް ޖަހާފައެވެ.

ޔަހޫދީ ޖައްބާރު ސިފައިން މި އަހަރުގެ ތެރޭގައި ހިންގާފައިވާ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 81 އަށްވުރެ އިތުރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. އުމުރުން ދުވަސްވީ އަންހެނެއް ވެސް ވަނީ ޝަހީދުކޮށްލާފައެވެ.