ޚަބަރު

ކުމުންދޫ ނެރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި


ހދ.ކުމުންދޫ ނެރު ބަދަލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ނެރުފުންކުރުމާއި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝަރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީންނެވެ.

ކުމުންދޫ ނެރު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ބަނދަރު ހެދި އިރު ހަދާފައިވާ ނެރަކީ މިސަރަޙައްދުގެ އޮއިބާރުވާ ދުވަސްވަރު ބޭނުންކުރުން އެންމެ ރައްކާތެރި ގޮތަކަށް ޑިޒައިންކޮށްފައިވާ ނެރަކަށް ނުވާތީއެވެ. 1501 މީހުންގެ އާބާދީއެއް ދިރިއުޅޭ ކުމުންދޫ ރައްޔިތުން އާމްދަނީ ހޯދުމަށްކުރާ އެއް މަސައްކަތަކީ މަސްވެރިކަމެވެ. މިރަށުގެ މަސްވެރިންނާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ރަށުގައި އެކަށީގެންވާ ލަފާފުރުމުގެ ނިޒާމެއް ނެތުމެވެ. މިކަމަށް ހައްލު ހޯދާދިނުމުގެ ގޮތުން ކުމުންދޫ ނެރު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ހދ. ކުމުންދޫގެ ނެރު ފުންކުރުމުގެ މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ ކޮންމެ ރަށެއްގަވެސް ރަނގަޅު ލަފާ ފުރުމުގެ ނިޒާމެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިވޭތުވެ ދިޔަ ދުވަސްތަކުގައި ކުމުންދޫ ރައްޔިތުން އުޅުނީ ވަރަށް ބޮޑު ހިތްދަތި ކަމެއްގެ ތެރޭގައި ކަމަށެވެ.

" ހަޤީޤަތުގައި ކޮންމެ ރަށެއްގެ ވެސް އެންމެ މުހިންމު ގޭޓްވޭއަކަށް ވާނެ ރަނގަޅު ލަފާ ފުރެވޭ ނިޒާމެއް އޮތުން. މި ވޭތުވެ ދިޔަ ދުަވަސްތަކަކީ ކުމުންދޫ ރައްޔިތުން ވަރަށް ހިތްދަތި ދުވަސްތަކެއް. ނެރު ހެދުމާއި ގުޅިގެން ބަނދަރު ހެދުމުގެ މައްސަލައަށް ހައްލެއް ލިބިގެން ދިއާމަ ވަރަށް ފައްސޭހަ ވާނެ އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކާ އަދި ރަށުގެ ހުރިހާ ފަރާތްތަކަށް" ހދ.ކުމުންދޫ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ނެރުފުންކުރުމުގެ މަސައްކަތް ނިމުމާއެކު ބަނދަރުގެ މައްސަލައަށް ޙައްލެއް ލިބި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށާއި ޢާންމު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމުގެ ޔަޤީންކަން އެމްޓީސީސީ އާއި ޕްލޭނިންގް މިނިސްޓްރީން ވެސް ދެއްވާފައިވާކަމަށެވެ.

ނެރު ބަދަލު ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ނެރު ފުން ކުރުމާއި އައު ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިމަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ އަދި ބޭރުތޮށީގެ މަސައްކަތާއި ރިވެޓްމެންޓްޖެހުން ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. މަސައްކަތް މި މަޝްރޫޢުގެ ދަށުން 9،346 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ވަނީ އައު ހާބަރ ބޭސިން ފުންކޮށްފައެވެ. އަދި 4،954 ކިއުބިކް މީޓަރުގެ ސަރަޙައްދުގައި ނެރަށް ވަދެވެން އޮންނަ ދިމާ ވަނީ ފުންކޮށްފައެވެ.

މީގެ އިތުރުން 242 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި 198 މީޓަރު ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށްވެސް ވަނީ ނިންމާފައެވެ.

މިއީ ސަރުކާރުން 33.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.