ކުޅިވަރު

މެލޭޝިޔާ މުބާރާތަށްދާ ވޮލީ ޓމްގައި ޒުވާން ކުޅުންތެރިން ހިމެނޭނެ


މެލޭޝިއަން އިންވިޓޭޝަނަލް ވޮލީ މުބާރާތަށް ދާ ގައުމީ ފިރިހެން ޓީމްގައި ޒުވާންކުޅުންތެރިންތަކެއް ހިމެނުމަށް ނިމްފައިވާކަމަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ނައިބް ރަޢީސް އިލްޔާސް އަހުމަދު ވިދާޅުވެއްޖެއެވެ. 

މެލޭޝިޔާގެ ދައުވަތަކަށް، ގައުމީ ފިރިހެން ވޮލީބޯޅަ ޓީމް މިހާރު ފަރިތަކުރަމުންދާއިރު، މިމުބާރާތާ ބެހޭގޮތުން މަޢުލޫމާތުދެމުން އިލްޔާސް ވިދާޅުވީ މިމުބާރާތާ ބެހޭ މާބޮޑު މަޢުލޫމާތެއް އަދި މިހާތަނަށް ލިބިފައިނުވާކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ފެންވަރުވެސް އަދި މާބޮޑަށް ނޭންގޭކަމަށެވެ.

 އިލްޔާސް ވިދާޅުވީ އަބަދުވެސް އެސޯސިއޭޝަންއިން ބަލާނީ އެސޯސިއޭޝަންގެ ޤާބިލްކަން ހުންނަ މިންވަރަކުން ވީހާވެސް ގިނަ މުބާރާތްތަކަށް ޓީމްތަށް ފޮނުވުމަށްކަމަށެވެ. އަދި މިދުވަސްކޮޅަކީ ގައުމީ ފިރިހެން ޓީމްވެސް އަދި އަންހެން ޓީމްވެސް މުބާރާތްތަކަށްފަހު، ވަރަށް ފޯމްގައި އޮތް ދުވަސްކޮޅެއްކަމަށެވެ. މެލޭޝިޔަން އިންވިޓޭޝަނަލް ވޮލީ މުބާރާތަކީ އިންވިޓޭޝަނަލް މުބާރާތަކަށްވުމުން ޒުވާން ކުޅުންތެރިންތަކެއް ޓީމްގައި ހިމެނުމަކީ، ވޮލީ ކުރިމަގަށް ބާލާއިރުވެސް ވަރަށް މުހިންމުކަމެއްކަމަށް އެސޯސިއޭޝަންގެ ނައިބް ރަޢީސް އިލްޔާސް އަހުމަދު ވިދާޅުވިއެވެ.

"މިމުބާރާތުގެ އަސްލުފެންވަރު އަދި އެހާ ރަގަނޅަކަށް ނޭނގޭ. އެހެންވީމާ ޒުވާން ކުޅުންތެރިން ޓީމްގައި ހިމަނާނެ، އެއީ އެކުޅުންތެރިންގެ ތަޖްރިބާއަށް. މިހާރު ޓީމް އޮތީ ވަރަށް ފޯމްގަ. އައިއޯއައިޖީ ނިންމާފަ، ސައުތް އޭޝިއަން ގޭމްސް ނިންމާފަ އައިރު ޓީމްވަނީ ވަރަށް ރަނގަޅަށް ފޯމަށް އެޅިފަ. މުބާރާތުގެ ފެންވަރު އެހާ ރަނގަޅަށް ނޭންގުނަސް އުއްމީދު ކުރަނީ ރނގަޅު ނަތީޖާއަކަށް." އިލްޔާސް ވިދާޅުވިއެވެ.

މިދިޔަ އަހަރު އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ދެ ވަނަ ވޮލީ ޓީމް ހޯދިއިރު، ބަނގްލަދޭޝްގައި އޮތް  ވޮލީ މުބާރާތުގައި ރާއްޖޭގެ ޓީމްވަނީ ފައިނަލްގައި ކަޒަކިސްތާންއަތުން ބަލިވެފައެވެ.  އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ވޮލީ ޓީމަށް ލިބިފައިވަނީ ހަތަރުވަނައެވެ.