ޚަބަރު

މައުދަންތަކާގުޅޭ މަސައްކަތްތައް ކުރެވެނީ ހުއްދަ ނަގައިގެން: އީޕީއޭ


މާލެ ސިޓީގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި އެލުމިނިއަމާއި ދަގަނޑު އަދި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި، ސަފުކުރުމާއި ރީސައިކަލް ފަދަ މަސައްކަތްތައް ކުރުމުގެ ކުރިން ހުއްދަ ހޯދުމަށް އެންވާރްމެންޓަލް ޕޮރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަންގައިފިއެވެ.

ކުނި މެނޭޖްކުރުމާއިބެހޭ ޤަވާޢިދުގެ ދަށުން ކުނި ގުދަން ކުރުމާއި ޓްރީޓްކުރުމާއި ރީސައިކަލް ކުރެވޭނީ ތަންފީޒީ އިދާރާގެ ހުއްދައާ އެކުގައެވެ.

އެންވާރްމެންޓަލް ޕޮރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނީ މައުދަންތައް ގުދަންކުރުމާއި، ސަފުކުރުމާއި ރީސައިކަލް ފަދަ މަސައްކަތްތައްކުރުމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ އާންމުންނަށް އުނދަގޫވެ، ސިއްޙީގޮތުން އެ ފަރާތްތައް ނުރައްކަލެއްގެ ތެރޭގައިވާކަމުގެ ޝަކުވާތައް ގިނަ އަދަދަކަށް ލިބޭކަމަށެވެ.

އީޕީއޭއިން ބުނީ މިފަދަ މަސައްކަތްތަކަކީ ސަރަޙައްދަށާއި، ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމެއްކަމަށެވެ. އެހެންކަމުން އެފަދަ މަސައްކަތްތައް ކުރަންވާނީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ކަމަށްވެސް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން 30 ދުވަހުގެ ތެރޭގައި އެކަމުގެ ހުއްދައަށް އެދި ފޯމް ހުށަހަޅަންޖެހޭނެއެވެ.

އިންސާނުންގެ ސިއްޙަތާއި އިންސާނާ ދިރިއުޅޭ ވެށި އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރި ކުރެވޭނީ އެންމެހާ ފާރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށާއި މިފަދަ މަސައްކަތްކުރާ ފަރާތްތަކުން މިކަންކަމަށް އެއްބާރުލުން ދިނުމަށް އީޕީއޭއިން ވަނީ އެދިފައެވެ.