އިންޑޮނީޝިޔާގެ އަލިފާންފަރުބަދައެއް ކަމުގައިވާ މައުންޓް މެރާޕީ ގޮވަން ފަށައި، ދުމާއި އަޅީގެ އިތުރުން ދިޔާ އަލިފާން ފައިބަން ފަށައިފިއެވެ. މެރާޕީއަކީ ދުނިޔޭގައިވާ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދައެވެ. މި އަލިފާން ފަރުބަދަ ހުންނަނީ އިންޑޮނީޝިޔާގެ ދެކުނުގައިވާ ޖާވާ އައިލެންޑްގެ ދެކުނު އައްސޭރިފަށުގައިވާ ޔޮގްޔާކަރްތާ ކައިރީގައެވެ.
މައުންޓް މެރާޕީ ގޮވަން ފެށި ނަމަވެސް، މި ހާދިސާއާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައި ނެތް ކަމުގައި އިންޑޮނީޝިޔާގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނެއެވެ. ޢާންމުކޮށްފައިވާ އަލިފާން ފަރުބަދައިގެ ވީޑިޔޯތަކުން ފެންނަނީ، ވައިގެ ތެރެއަށް ދުމާއި އަޅި އަރަމުންދާ މަންޒަރެވެ.
މި ހާދިސާގައި އެ ސަރަޙައްދުގައި ގެތަކަށް ވެސް ވަނީ ދުމާއި އަޅީގެ އަސަރު ފޯރާފައެވެ. އަދި، އަލިފާން ފަރުބަދަ ހުންނަ ސަރަޙައްދާ ކައިރީގައިވާ ރަށްތަކަށް ވަނީ އަޅި ފައިބާފައެވެ. މި އަލިފާން ފަރުބަދައިގެ ކަންކަން ދިރާސާކުރާ މެރާޕީ ވޮލްކެނޯ އޮބްޒަވޭޓަރީއިން ބުނީ، އަލިފާން ފަރުބަދައިން އަރަމުންދާ ދުމާއި އަޅި، 9,600 ފޫޓަށްވުރެ މައްޗަށް އަރާފައިވާ ކަމުގައެވެ.
އަލިފާން ފަރުބަދަ ގޮވަން ފެށުމާއެކު، އޮފިޝަލުން ވަނީ އަލިފާން ފަރުބަދަ ވަށައިގެންވާ ސަރަޙައްދުގައި ހަތް ކިލޯމީޓަރުގެ ސަރަޙައްދެއް ބަންދުކޮށް، ޢާންމުން އެ ސަރަޙައްދަށް ދަތުރުކުރުން މަނާކޮށްފައެވެ. މެރާޕީ ވޮލްކެނޯ އޮބްޒަވޭޓަރީ އޮފިޝަލެއް ކަމުގައިވާ ޢަބްދުލް މުހާރީ ވިދާޅުވީ، އަލިފާން ފަރުބަދަ ހުންނަ ސަރަޙައްދަށް ވާރޭވެހިއްޖެ ނަމަ، އެ ސަރަޙައްދަށް ނުރައްކާތެރި ކިސަޑު ފައިބާނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި، އެ ކަމަށް ސަމާލުވުމަށް ވެސް އެ އިދާރާއިން ވަނީ ޢާންމުންނަށް އަންގާފައެވެ.
އަލިފާން ފަރުބަދައިން އަރާފައިވާ ދުމާއި އަޅީގެ އަސަރު އެ ސަރަޙައްދުގައިވާ އަށް އަވަށަކަށް ކޮށްފައިވާ ކަމަށާއި، އެ އަވަށްތަކަށް ބޯކޮށް އަޅި ފައިބާފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މި އަލިފާން ފަރުބަދަ އެންމެ ފަހުން ބޮޑަށް ގޮވާފައި ވަނީ 2010 ވަނަ އަހަރުއެވެ. އެ ހާދިސާގައި 300 މީހުން މަރުވިއެވެ. އަދި، 280,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.
1993 ވަނަ އަހަރު ވެސް މެރާޕީ ގޮވާފައިވެއެވެ. އެ އަހަރު 1,300 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، އޭގެ އެއް އަހަރު ފަހުން ހިނގި ގޮވުމާ ގުޅިގެން 60 މީހުން މަރުވިއެވެ. 2020 ވަނަ އަހަރަށް ފަހު އެ އަލިފާން ފަރުބަދަ ވަރަށް ބޮޑަށް ހަރަކާތްތެރިވާން ފަށާފައިވާ ކަމުގައި، އެ އަލިފާން ފަރުބަދައިގެ ކަންކަން ދިރާސާ ކުރާ އިދާރާއިން ވަނީ ބުނެފައެވެ.