ޚަބަރު

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު އިބްރާހީމް ޝާޒަށް


ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ ކ.ގުރައިދޫ، ފައިވްރޯޒް، އިބްރާހީމް ޝާޒް ކާމިޔާބުކޮށްފިއެވެ. މިއަދު ބޭއްވި އެމްޑީޕީ ގުރައިދޫ ދާއިރާގެ ޕްރައިމަރީގައި 4 ކެނޑިޑޭޓަކު ވާދަކުރިއެވެ.

އެއީ އިބްރާހީމް ޝާޒްގެ އިތުރުން ކ.މާފުށީ ވިވިޑް، މުޙައްމަދު މުސްތަފާއާއި، ކ. މާފުށީ، މާފަރިވާގޭ، ސަލްމާން ރަޝީދާއި، ކ.ގުރައިދޫ، ވެލި، އަބްދުﷲ ސަޢީދެވެ.

ހެނދުނު 9އިން ހަވީރު 5 ޖެހުމާއިހަމައަށް ގުރައިދޫ ދާއިރާގެ ރަށްތަކާއި، މާލޭގައި ވޯޓުލުން ކުރިއަށް ގެންދިޔައެވެ. އެމްޑީޕީން ވަނީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިހާރު އިޢުލާންކޮށްފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރި އިބްރާހީމް ޝާޒަށް ލިބިފައިވަނީ 56.86 އިންސައްތައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ރިޒާ އަވަހާރަވުމާއި ގުޅިގެން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިމަހުގެ 13އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ގުރައިދޫ ދާއިރާގެ ޕްރައިމަރީގައި އެމްޑީޕީގެ އިތުރުން، ޕީޕީއެމާއި އެމްއެންޕީންވެސް ވާދަކުރެއެވެ. ޕީޕީއެމުން ވާދަކުރަނީ އިބްރާހީމް ރިޒާގެ ކޮއްކޮ ޙުސައިން ރިޒާއެވެ.

މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ބައި-އިލެކްޝަން ބާއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމުންނެވެ.