ޚަބަރު

ސަގާފަތާއި އާދަކާދަ ކުރިއެރުވޭނެ ގޮތް ދެނެގަތުމަށް މިނިސްޓަރ ޔުމްނާ ހދ.އަތޮޅަށް


ސަގާފަތާ އާދަކާދަ ރައްކާތެރިކޮށް ކުރިއެރުވޭނެ ގޮތް ދެނެގަތުމަށް ކުރައްވާ ރަސްމީދަތުރުފުޅެއްގައި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ކުޅުދުފުށްޓަށް ވަޑައިގެންފިއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި ވަނީ ކުޅުދުއްފުށީ އަމިއްލަ ފަރާތަކުން ހިންގާ "ރަށްވެހި އާސާރު" މިއުޒިއަމަށް ޒިޔާރަތް ކުރައްވާފައެވެ. މިމިއުޒިއަމްގައި 170 އަށް ވުރެ ގިނަ އާސާރީ ތަކެތި ހިމެނެއެވެ.މީގެ ތެރެއިން ބައެއް ތަކެއްޗަކީ 117 އަހަރުވެފައިވާ ތަކެތި ކަމަށް މަޢުލޫމާތު ލިބެއެވެ.

ދިވެހި ސަގާފަތާ އާދަކާދަ ރައްކާތެރިކޮށް ކުރިއެރުވޭނެ ގޮތް ދެނެގަތުމަށްޓަކައި މިނިސްޓަރ ޔުމްނާ ކުރައްވާ މިދަތުރުފުޅުގައި ވަނީ ހދ.އަތޮޅު ކައުންސިލާ ބައްދަލުކުރައްވާފައެވެ.

ކުޅުދުއްފުށީގެ އިތުރުން މިނިސްޓަރ އިތުރު 6 ރަށަކަށް ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ވައިކަރަދޫ، މަކުނުދޫ، ނޭކުރެންދޫ، ނޮޅިވަރަމާއި ނޮޅިވަރަންފަރު ހިމެނެއެވެ. މިރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ރަށުގެ އެކިއެކި ފަންނުވެރިންނާ ބައްދަލު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.