ޚަބަރު

ދުނިޔޭގެ ކިޑްނީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހިނގާލުމެއް


ދުނިޔޭގެ ކިޑްނީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހިނގާލުމެއް ކުރިއަށްގެންގޮސްފިއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްއިން އިސްނަގައިގެން ކުރިއަށްދިޔަ މި ހިނގާލުން ބާއްވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކު ހިމެނޭ ސަރަޙައްދުގައެވެ. އައި.ޖީ.އެމް.އެޗްއިން އިންތިޒާމްކުރި މި ހިނގާލުމުގައި ހުޅުމާލޭ ހޮސްޕިޓަލާއި، އެން.ޔޫ ހޮސްޕިޓަލުގެ އިތުރުން މެޑިކޮމްއާއި މެޑްޓެކްއިންވެސް ވަނީ ބައިވެރިވެފައެވެ.

މި ހިނގާލުމުގެ ތެރެއިން ކިޑްނީގެ ދުޅަހެޔޮކަމަށްޓަކާ ސަމާލުކަން ދޭންވީ މުހިއްމު ކަންކަމުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ކިޑްނީ ބަލިތަކަށް ހުށަހެޅުމަށް މަގުފަހިވާ ކަންކަމާއި، އަލާމާތްތަކާއި، ދުޅަހެޔޮ ކިޑްނީއަކަށްޓަކާ ކެއުންބުއިމުގައި ސަމާލުކަންދޭންވީ ކަންކަމުގެ މަޢުލޫމާތު ހިމެނޭ ލިޔުންތައް ހިނގާލުމުގެ ބައިވެރިން ބޭނުންކޮށްފައިވެއެވެ.


ދުނިޔޭގެ ކިޑްނީ ދުވަސް ފާހަގަކުރުމުގެގޮތުން މިމަހުގެ 9 ވަނަ ދުވަހު އައި.ޖީ.އެމް.އެޗްއިން ވަނީ ޚާއްސަ ސްކްރީނިންގ ޕްރޮގްރާމެއްވެސް ކުރިއަށްގެންގޮސްފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯގައި ކުރިއަށްދިޔަ މި ސްކްރީނިންގ ޕްރޮގްރާމުގެ ތެރެއިން އިސްކޮޅާއި ބަރުދަން ބެލުމާއި، ކިޑްނީ ބަލިތަކުން ރައްކާތެރިވުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދީފައިވެއެވެ.

ކޮންމެ އަހަރެއްގެ މާރިޗުމަހުގެ 2 ވަނަ ބުރާސްފަތި ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކިޑްނީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ ކިޑްނީގެ މުހިއްމުކަން ޢާންމުންނަށް އަންގައިދިނުމާއި، ކިޑްނީގެ ބަލިތަކަށް ޢާންމުން ހޭލުންތެރިކޮށް، އެފަދަ ބަލިތަކުން ކުރިމަތިވާ މައްސަލަތައް ކުޑަކޮށް، އެބަލިތަކުން ރައްކާތެރިވުމަށް ބާރުއެޅުމުގެ ގޮތުންނެވެ. ދުނިޔޭގައި ކިޑްނީ ދުވަސް ފުރަތަމަ ފަހަގަކުރީ 2006 ވަނަ އަހަރުއެވެ. އެއީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ކިޑްނީ ފައުންޑޭޝަން އާއި، އިންޓަނޭޝަނަލް ސޮސައިޓީ އޮފް ނެފްރޮލޮޖީގެ އިސްނެގުމަކަށެވެ.