ޚަބަރު

"ވެނިސްޑޭ" ގެ އެގްޒެކްޓިވް ޕްރޮޑިއުސަރަކަށް ލީޑް ބަތަލާ


ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ނެޓްފްލިކްސް ސީރީޒް "ވެނިސްޑޭ" ގެ ދެވަނަ ސީޒަންގެ އެގްޒެކްޓިޒް ޕްރޮޑިއުސަރަކަށް އެ ސީރީޒް ލީޑް ކެރެކްޓަރ ކުޅޭ ޖެނާ އޮޓޭގާ ހަމަޖައްސައިފިއެވެ.

މިއަދު އޮންނަ ސަޓަޑޭ ނައިޓް ލައިވް، އެސް.އެން.އެލް ހުށަހަޅައިދޭން ތައްޔާރުވާ އުމުރުން 20 އަހަރުގެ ޖެނާއަށް ދެވަނަ ސީޒަންގެ އެގްޒެކްޓިވް ޕްރޮޑިއުސަރުކަން ދީފައިމިވަނީ ފުރަތަމަ ސީޒަންގައި އޭނާ ހިތްހަމަނުޖެހޭ ކަންކަން ހުރި ކަމަށްބުނެ ފާޑުކިޔާފައި ވަނިކޮށެވެ.

މަޝްހޫރު ފެންޓަސީ ޑްރާމާ "އެޑަމްސް ފެމިލީ"ގެ ކެރެކްޓާއިންގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެނެސްދިން މި ސީރީޒަށް ބޮޑު ތަރުޚީބެއް ލިބުނެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަން ނިމުނީ ބެލުންތެރިންނަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ.

ޑިޒްނީން އެކްޓިން ކެރިއަރު ފެށި ޖެނާގެ އައު ފިލްމު "ސްކްރީމް 6" އިއްޔެވަނީ ރިލީކޮށްފައެވެ. މިދިޔަ އަހަރު ނިކުތް "ސްކްރީމް" ފުރަތަމަ ބަޔަށް ބޮޑު ތަރުޚީބެއް ލިބުނުއިރު، އެ ފިލްމުގައި ޖެނާއާއެކު "ފްރެންޑްސް" ސީރީޒްގެ ތަރި، ކޯޓްނީ ކޮކްސް ވެސް އުޅެއެވެ.