ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި ބޮން ތައްޔާރުކުރީ ސީދާ ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބުގެ އިރުޝާދާ އެއްގޮތަށްކަމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ޗެއަރމަން ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ރިޔާސީ ލޮންކޮޅުގައި އެއްޗެއް ގޮއްވާލި ޙާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ޗެއަރ އަދި ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ބޮން ގޮއްވާލި މައްސަލަ ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބުގެ މައްޗަށް ސާބިތުކުރެވޭވަރަށް ހެކި ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އެ މައްސަލަ ތަޙުޤްޤުކުރެއްވުމުގެ ތެރޭގައި އަޙުމަދު އަދީބް ހިންގަވާފައިވާ ގިނަ ޖަރީމާތަކެއް ފެންމަތިވެފައިވާކަމަށް ޢުމަރު ނަޞީރު ވިދާޅުވިއެވެ.
ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވާލި މައްސަލައާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވަމުން ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ޗެއަރމަން ޢުމަރު ނަޞީރު ވިދާޅުވީ ލޯންކޮޅުގައި ގޮއްވާލި ބޮން ހަދާފައިވަނީ ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބްގެ އިރުޝާދުގެ މަތިންކަމަށެވެ. އަދި އެ ބޮން ތައްޔާރުކޮށްފައިވަނީ މުޅި ލޯންޗު ގޮއްވާލެވޭވަރަށް ކަމަށްވެސް އުމަރު ނަޞީރު ވިދާޅުވިއެވެ.
ރިޔާސީ ލޮންކޮޅުގައި ގޮއްވާލި ބޮން އަދީބް ދިރިއުޅުއްވި ރެހެންދި ފްލެޓްތެރޭގައި ގެންގުޅެފައިވާކަން ތަޙުޤީޤަށް އެނގިވަޑާއިގެންފައިވާކަމަށް އުމަރު ވިދާޅުވިއެވެ. އެހެންކަމުން އެ ބޮމާއި އަދީބާ ގުޅުން ހުރިކަން ތަޙޤީޤަށް ސާފުވާކަމަށްވެސް ޢުމަރު ނަޞީރު ވިދާޅުވި. ރިޔާސީ ލޮންކޮޅުގައި އެއްޗެއް ގޮވާލި ދުވަހުގެ ކުރީރޭ އެ ލޯންޗްކޮޅުގައި މޫދަށް އެރިވަޑައިގަތުމަށްކަމަށް ވިދާޅުވެ، އަޙުމަދު އަދީބު އާރަށަށް ވަޑައިގެންނެވިކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
ރިޔާސީ ލޮންކޮޅުގައި ބޮމެ ގޮއްވާލި މައްސަލަ ތަޙްޤީޤުކުރަމުން ގެންދަވަނިކޮށް ނުރައްކާތެރި އެފަދަ އެތައް ޖަރީމާތަކެއް ފެންމަތިވެގެން ގޮސް، އެ މައްސަލަތައްވެސް ތަޙުޤީޤްކުރައްވަމުން ގެންދަވާކަމަށް އުމަރު ނަޞީރު ހާމަކުރެއްވިއެވެ. މިގޮތުން މުލިއާގޭ ކައިރީ ބޮމެއް ބާއްވާ ގޮއްވާލަން މަސައްކަތްކުރުމާއި ސްރީލަންކާއިން ސުނައިޕަރެއް ގެނެސް، ރައީސަށް ޙަމަލާދޭން މަސައްކަތްކުރުމާއި މޭޑޭގައި ގޮއްވާލުމަށް ބޮމެއް ތައްޔާރުކުރިންވެސް ތަޙުގީގަށް އެނގިވަޑައިގެންފައިވާކަމަށް ޢުމަރު ނަޞީރު ފާހަގަކުރެއްވިއެވެ.
ޢުމަރު ނަޞީރު ވިދާޅުވީ ސުނައިޕަރެއް ރާއްޖެ ގެނެއިކަމަށް ބުނާ މައްސަލައަކީ އެއްވެސް ތާކުންތާކު ނުޖެހޭ މައްސަލައެއްކަމަށް ބަޔަކު ބުނަމުން ދިޔަނަމަވެސް އެއީ ވަރުގަދަ މައްސަލައެއްކަން ޢުމަރު ފާހަގަކުރެއްވިއެވެ. މިގޮތުން އަމާޒަށް ބަޑިޖަހަން ކުޅަދާން ސުނައިޕަރަކު ސްރީލަންކާއިން ރާއްޖެ ގެނައީ ރިޔާސީ ލޮންކޮޅަށް ދިން ޙަމަލާ ނާކިޔާބުވުމުންކަމަށްވެސް ޢުމަރު ނަޞީރު ވިދާޅުވިއެވެ.
ޢުމަރު ނަޞީރު ވިދާޅުވީ ރިޔާސީ ލޮންކޮޅުގައި ބޮން ގޮއްވާލި ފަހުން އަދީބް ހައްޔަރުނުކުރައްވައި ދޫކޮށްލައްވާފައި ހުންނެވި ދުވަސްވަރު ހެކިނައްތާލެއްވުމަށް ގިނަ މަސައްކަތްތަކެއް އަދީބު ކުރައްވާފައިވާކަމަށެވެ. އަދި ހައްޔަރުކުރެއްވި ފަހުން ހިންގި ޢަމަލުތައްވެސް ހިންގާފައިވަނީ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނުނަގާހާ ހިނދަކު ރައީސް އަވަހާރަކޮށްލުމުން އަދީބުގެ މައްޗަށް ވެރިކަން ފުރޮޅިގެނާދެކަން އެނގިވަޑައިގަންނަވާތީ ކަމަށްވެސް ޢުމަރު ނަޞީރު ތުހުމަތުކުރެއްވިއެވެ.
ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލައާ ގުޅިގެން މިވަގުތު 8 މީހަކު ހައްޔަރުކުރައްވައިފައި އެބަތިބިކަމަށް ޢުމަރު ވިދާޅުވިއެވެ. މީގެތެރޭގައި ސިފައިންގެ ހަތިޔާރު ގުދަން ބެލެއްހެއްޓެވުމުގައި ކުރިން އިސްކޮށް ހުންނެވި ކާރނަލް އަޙުމަދު ފަޔާޒް ހިމެނިވަޑައިގަންނަވާ ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
ރިޔާސީ ލޮންކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަހުމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ހުށައަޅުއްވާފައެވެ. މީގެއިތުރުން ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލައާއި މުލިއާގޭ ކައިރީ ގޮވާ އެއްޗެއް ބޭއްވި މައްސަލާގައިވެސް ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާކަން އިންކުއަރީ ކޮމިޝަނުން ހަމާކުރައްވައެވެ.
ރިޔާސީ ލޮންކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން މިދިޔަ އަހަރު ސެޕްޓަމްބަރުމަހުގެ 15 ދުވަހު 24 މީހުންނާއެކު ހުޅުލެއަށް ދަތުރުކުރި ލޯންޗެއްގައި އެއްކޮށް ރޯވެ އަންދާއިގެން ދިޔަ މައްސަލަވެސް މިހާރު ތަހްގީގްކުރައްވަމުން ގެންދަވާކަމަށް އިންކުއަރީ ކޮމިޝަނުން ވިދާޅުވެއެވެ.