ޚަބަރު

ރާއްޖެއަށް ދަތުރުކުރަން އިސްރާއީލުގެ އެއަރލައިނަކަށް ހުއްދައެއް ނުދޭނެ


އިސްރާއީލުގެ އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރަން ދިވެހި ސަރުކާރުން ހުއްދަ ނުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްުޔާގެ އޮފީހުން މިކަން ހާމަކޮށްފައި މިވަނީ އިސްރާއީލުގެ އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން އުޅޭކަމަށް ބުނެ ހަޤީޤަތާއި ހިލާފު ވާހަކަތަކެއް ބައެއް ފަރާތްތަކުން ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުންވެސް ވަނީ ބޭރުގެ ނޫސްތަކާއި ހަވާލާދީ އިސްރާއީލުގެ އެލް އާލްއިން ރާއްޖެއަށް ދަތުރުތައް ފަށަން އުޅޭކަމަށް ރިޕޯޓްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އިސްރާއީލުގެ އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ސަރުކާރުގެ ކަމާއިބެހޭ އެއްވެސް އިދާރާއަކަށް ހުށަހެޅުމެއް ލިބިފައިނުވާކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ އިސްރާއީލުގެ އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރަން ބޭނުންވެގެން ހުށަހެޅިޔަސް، އެފަދަ ހުއްދައެއް ނުދޭނެކަމަށެވެ. އަދި އިސްރާއީލާއެކު ރާއްޖެއިން ވިޔަފާރީގެ ގުޅުމެއްވެސް އަދި އެއަރ ސަރވިސް އެގްރީމަންޓެއް ނެތްކަންވެސް މިއުވާން ފާހަގަކުރެއްވިއެވެ.

"އެފަދަ ހުށައެޅުމެއް އިޒްރޭލްގެ ފަރާތަކުންވެސް އަދި އެ އެއަރލައިންގެ ފަރާތަކުންވެސް ހުށައަޅާފައެއް ނެތް. ވިޔަފާރީގެ ގުޅުމެއް ރާއްޖެއާއި އިޒްރާއީލާއި ދެމެދަކު މިހާރަކު ނޯންނާނެ. އެހެންވީމަ އެފަދަ އެއްބަސްވުމަކަށް ނުވަތަ އެފަދަ ދަތުރުތަކެއް ކުރެވޭނެ އިންތިޒާމެއް ހަމައެއްނުޖެހޭނެ. ހަމައެއާއިއެކު 2 ޤައުމުގެ ދެމެދުގައި އެއަރ ސަރވިސް އެގްރީމަންޓެއްވެސް ނޯންނާނެ. އެހެންވީމަ އެއީ ކުރެވޭނެ ކަމެއްނޫން”މިއުވާން ވިދާޅުވިއެވެ.

މީގެކުރިންވެސް އިސްރާއީލުގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުތައް ބާއްވަން މަސައްކަތްކުރިނަމަވެސް ދިވެހި ސަރުކާރުން އެ ހުއްދައެއް ދީފައެއް ނުވެއެވެ.