ޚަބަރު

ޔާމީންގެ އިސްތިއުނާފް އިސްލާހުކުރަން ހައިކޯޓުން އަންގައިފި


ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު އިސްލާހުކުރަން ހައި ކޯޓުން އަންގައިފިއެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ ރިިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ ހުކުމް އެ މަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރީ މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފްކުރި މައްސަލައިގެ ލިޔެކިޔުންތަކުގައި ކުރި ބައެއް ކަންކަން އިސްލާހުކުރަން ހައިކޯޓުން ވަނީ އެމަނިކުފާނުގެ ވަކީލުންނަށް އަންގާފައެވެ. ނަމަވެސް އިސްލާހުކުރަން އެންގީ ކޮންކަމެއްކަމެއް ނޭނގެއެވެ.

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށްވެސް ވަނީ ކުށް ސާބިތުވެ، 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާކުރާ އެހެން މައްސަލައެއްވެސް ދަށު ކޯޓު މަރުހަލާގައި އެބައޮތެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގިކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ ހިފުމުގެ މައްސަލައެކެވެ.