ޚަބަރު

ރުއްގަހަށް ޖެހޭ ބައްޔެއް ހަލުއިކަމާއެކު ފެތުރެނީ


ރާއްޖޭގެ ބައެއް ހިސާބުތަކުގެ ރުއްތަކަށާއި ގަސްތަކަށް ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ސަމާލުވާން އެދިއްޖެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވިދާޅުވީ ރާއްޖޭގެ ރުއްތަކަށާއި ގަސްތަކަށް ހަލުއިކަމާއެކު ފެތުރެމުންދަނީ ދިރޭ ސުއިއްޕެއްގެ ސަބަބުން ޖެހޭ ބައްޔެއްކަމަށެވެ. އަދި މިބަލީގެ ސަބަބުން "ސޫޓީމޯލްޑް" ނަމަކަށް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ، ބައެއް ގަސްތައް މަރުވަމުންދާކަން ފާހަގަކުރެފައިވާކަމަށް އެމިިނިސްޓްރީން ވިދާޅުވެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ މިބައްޔަކީ ހަމައެކަނި ރުއްތަކާއި ދަނޑުވެރިކަމުގައި ހައްދާ ގަސްތަކަށް ޖެހޭ ބައްޔެއް ނޫންކަމަށާއި ބަގީޗާ ގަސްތަކަށް މިބަލި ޖެހޭކަން ޖެހޭނެކަމަށެވެ. އަދި މިބަލި ނައްތާލަން މަސައްކަތްކުރަމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވަނީ މިބަލި ހަލުއިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިފައެވެ. އެގޮތުން، ގަހެއް އެއް ތަނުން އަނެއް ތަނަށް ގެންދާއިރު އެހެން ގަސްތަކާއި ދުރުގައި ބަހައްޓައިގެން ގަސް ރަނގަޅަށް ބެލުމަށް އެމިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި މިބަލި ގަހަކަށް ޖެހިއްޖެނަމަ އެރަށެއްގެ ކައުންސިލަށް އެންގުމަށް އެގްރިކަލްޗަރ މިނިސްޓްރީން އަންގައެވެ.

ރުށްގަހަށް ޖެހޭ މިފަދަ ބަލިތަކުން ދަނޑުތައް ރައްކާތެރިކޮށް، ދަނޑުވެރިން މިދާއިރާއިން އަހުލުވެރިކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދަނޑުވެރިންގެ މިފަދަ ދަތިތައް ހައްލުކުރުމަށް އެމިނިސްޓްރީން މިހާރު ވަނީ ދަނޑުވެރިކަމުގެ ޤައުމީ ލެބޯރެޓަރީއެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ.