އައިއެސް ޖަމާޢަތުން ލީބިޔާގައި ފައިހަރުކުރަމުން ގެންދާތީ އެޖަމާޢަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ތާޢީދާއި އެހީ ބޭނުންވާކަމަށް ލީބިޔާގެ ސިފައިން ބުނެފިއެވެ. ލީބިޔާ ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ މަޙްމޫދު ޖަޒްވާން ވިދާޅުވީ ލީބިޔާގައި އައިއެސް ޖަމާޢަތް ފައިހަރުކުރަމުން ގެންދަނީ ބިރުވެރި މިންވަރަކަށް ކަމަށާއި އެޖަމާޢަތާ ދެކޮޅަށް ލީބިޔާގައި ވަރުގަދަ ހަނގުރާމައެއް ކުރަންޖެހިފައިވާ ކަމަށެވެ.
އައިއެސް ޖަމާޢަތް ލީބިޔާގައި ފައިހަރުކޮށް ބާރުގަދަކުރަމުން ގެންދަނީ ލީބިޔާގައި އުފެދިފައިވާ ސިޔާސީ އަރާރުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. 2011 ވަނަ އަހަރު ލީބިޔާގެ ރައްޔިތުން އެޤައުމުގެ ކުރީގެ ރައީސް މުޢައްމަރުލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ތެދުވުމާއެކު ފެށުނު ހަމަނުޖެހުންތަކާއި ހަނގުރާމައާއެކު ގައްޒާފީގެ ވެރިކަން ވެއްޓި އޭނާ އަވަރާކޮށްލުމަށްފަހުވެސް މިއަރާރުންތައް ހައްލުވެ ލީބިޔާއަށް ހަމަޖެހުން އައިސްފައެއް ނުވެއެވެ. މީގެ ބަދަލުގައި ލީބިޔާގެ ކަންކަން ދުވަހެއް ދުވަހަކަށް ދިޔައީ ގޯސްވަމުންނެވެ. އަދި އެންމެފަހުން އެޤައުމުގައިވަނީ ވާދަވެރި ދެ ސަރުކާރާއި ދެ ޕާލަމެންޓްވެސް އުފެދިފައެވެ.
ހުޅަނގުގެ މަސްއޫލުވެރިން ވިދާޅުވަނީ އައިއެސް ޖަމާޢަތް ލީބިޔާގައި ފައިހަރުކުރަމުން ގެންދަނީ ލީބިޔާގެ އެތެރޭގެ މި އަރާރުންތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން ކަމަށެވެ. އެހެންކަމުން ލީބިޔާގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އަސްކަރީ އެހީ ދިނުމުގެ ބަދަލުގައި ލީބިޔާގައި ޝަރުއީ އެއް ސަރުކާރު އުފައްދައި ސިޔާސީ އަރާރުންތައް ހައްލުކުރުން ކަމަށެވެ. ލީބިޔާގެ މައްސަލަ ހައްލުކުރުމަށްޓަކައި އދ. އިސްކޮށް އޮވެގެން ކުރަމުން ގެންދިޔަ ސުލްޙައިގެ މަސައްކަތްތަކުގެ ތެރެއިން މިހާރުވަނީ ލީބިޔާގައި ވަތަނީ އެއްބައިވަންތަ ކަމުގެ އެއް ސަރުކާރު އެކުލަވާލާފައެވެ. މި ސަރުކާރަށް ލީބިޔާގެ އުތުރުގެ ތުބްރުގްގައިވާ ޕާލަމެންޓްގެ ތާއީދު ލިބިފައިވީނަމަވެސް ވެރިރަށް ތްރާބްލްސްގައިވާ ޕާލަމެންޓްގެ ތާއީދު އަދި ލިބިފައެއް ނުވެއެވެ.
ލީބިޔާގައި އަލަށް އެކުލަވާލި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރު އޭގެ އެންމެ ޅަފަތުގައިވާއިރު، ލީބިޔާގެ ވާދަވެރި ހުރިހާ ޖަމާޢަތްތަކެއްގެ އިޢްތިރާފް އެ ސަރުކާރަށް އަދި ލިބިފައިނުވެއެވެ. އެހެންކަމުން އައިއެސްއާ ދެކޮޅަށް ހަރަކާތްތެރިވާނެ އެއްވެސް ވަސީލަތެއް އަދި ބާރެއް އެ ސަރުކާރަށް ލިބފައެއް ނުވެއެވެ. ނަމަވެސް ވަތަނީ އެއްބައިވަންތަކަމުގެ އައު ސަރުކާރުގެ އަމާޒަކީ ލީބިޔާގައި މިހާރުއޮތް އެޤައުމުގެ ކުރީގެ ސިފައިންގެ ލަޝްކަރުތަކާއި ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަނގުރާމަވެރިން އެސަރުކާރުގެ ދަށަށް ގެނެސް ލިބިޔާގައި އަމަނާއި އަމާންކަން ޤާއިމްކޮށް ލީބިޔާ ދިފާއު ކުރެވޭފަދަ ބާރުގަދަ ސިފައިން ލަޝްކަރެއް އެކުލަވާލުމެވެ. ލީބިޔާގެ ސުލްޙައިގެ ކަންތައްތައް އެދެވޭ ގޮތެއްގައި ކުރިޔަށްދާގޮތްވިނަމަވެސް މިކަމަށް އަދި މުއްދަތެއް ނަގާނެއެވެ. ލީބިޔާގެ އަސްކަރީ މަސްއޫލުވެރިއެއް ކަމަށްވާ މުޙައްމަދު އަލްޒުގުލް ވިދާޅުވީ އައިއެސް ޖަމާޢަތަށް ނިސްބަތްވާ ބޭރުގެ ހަނގުރާމަވެރިން ގިނަ އަދަދަކަށް ލީބިޔާއަށް ވަންނަމުންދާ ކަމަށެވެ. މިގޮތުން އައިއެސްގެ ލީބިޔާގެ ގޮފީގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަމުންދަނީ ބޭރުގެ ހަނގުރާމަވެރިން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކި ޤައުމިއްޔަތުތަކަށް ނިސްބަތްވާ މީހުން އެބަތިބި، އޭގެތެރޭގައި އެބަތިބި އަރަބިން، އަދި އޭގެތެރޭގައި އޭޝިޔާ މީހުންނާއި އެނޫންވެސް ބޭރު މީހުން އެބަތިބި، އަރަބީންގެ ތެރޭގައި ހިމެނެނީ ތޫނިސްގެ ރައްޔިތުންނާއި މިސްރުގެ ރައްޔިތުންނާއި ދެން އެފްރިކާގެ ޤައުމުތަކުގެ މީހުނާއި، އޭޝިޔާގެ އިތުރު މީހުންތައްވެސް އެބަތިބި."
އެމެރިކާ ދާދިފަހުން ލީބިޔާގެ ހުޅަނގުގެ ރަށެއް ކަމަށްވާ ސަބްރާތާގައިވާ އައިއެސްގެ ޓްރޭނިންގް ކޭންޕަކަށް ޙަމަލާދީ އެތަށް ބަޔަކު މަރާލާފައިވެއެވެ. މިޙަމަލާތަކުގައި އައިއެސްއަށް ނިސްބަތްވާ 40 އަށް ވުރެ ގިނަ މީހުން މަރާލެވުނު ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.