ޚަބަރު

ޔޫކްރެއިނުގެ ކުޕިއަންސްކްގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަނީ


ޔޫކްރެއިނުގެ އިރުމަތީގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ކުޕިއަންސްކް ސަރަޙައްދުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކުޕިއަންސްކްގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައި ވަނީ، ރަޝިޔާ ސިފައިން އެ ސަރަޙައްދަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުކުރުމާ ގުޅިގެންނެވެ. ކުޕިއަންސްކްއަކީ ޚާރްކިވް ސަރަޙައްދުގައި އޮންނަ ރަށެވެ.

އެ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ރެޑް ކްރޮސްގެ ދަރުމަވެރިންނެވެ. ރެޑް ކްރޮސްގެ އޮފިޝަލުން ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަކީ ގިނަ ވަގުތު ހޭދަވާ، އުނދަގޫ މަސައްކަތެއް ކަމުގައެވެ. ހަނގުރާމައިގެ ކުރީކޮޅު ޚާރްކިވްއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު، 2022 ވަނަ އަހަރު ސެޕްޓެންބަރު މަހުގެ ތެރޭގައި ރަޝިޔާ ސިފައިން ވަނީ އެ ސަރަޙައްދުން ފައިބާފައެވެ. ނަމަވެސް، އަދިވެސް އެ ސަރަޙައްދަށް އަމާޒުކޮށް ރަޝިޔާއިން ދަނީ ހަމަލާދެމުންނެވެ.

ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާ ސިފައިން މިހާރު އަމާޒު ހިފާފައި ވަނީ ޑޮނެޓްސްކުގެ ރަށެއް ކަމުގައިވާ ބަޚްމުތް ހިފުމަށެވެ. އެ ރަށަށް ރަޝިޔާއިން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ރަށް ވަނީ ސުންނާފަތިކޮށްލާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ރަށް ރަޝިޔާ ސިފައިންގެ އަތްދަށަށް ވެއްޓުމުގެ ބިރު އޮތް ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވަނީ ވިދާޅުވެފައެވެ. އެ ރަށް ހިފަން ރަޝިޔާއިން މަސައްކަތް ކުރާތާ މިހާރު ހަތް މަސްދުވަސް ވެއްޖެއެވެ.

އެ ރަށް ހިފުމަށް ކުރީ ސަފަށް ރަޝިޔާއިން ފޮނުވާފައި ވަނީ ވެގްނަރ ގުރޫޕުގެ ކުލީ ސިފައިންނެވެ. އަދި، ރަޝިޔާގެ އަސްކަރިއްޔާގެ ސްޕެޝަލް ފޯސް ޓީމުތަކުން ދަނީ ކުލީ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވެގްނަރ ގުރޫޕުން ބުނީ، ބަޚްމުތްގެ އިރުމަތީގެ ސަރަޙައްދުތަކަށް އެ މީހުން ވެރިވެގަނެފައިވާ ކަމަށް ބުނެފައެވެ. ބަޚްމުތަކީ ލޮނު މައިން ކުރުމުގެ މަސައްކަތް ކުރާ ރަށެކެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެ ރަށުގެ އާބާދީ 80,000 އަރައެވެ. ނަމަވެސް، މިހާރު އެ ރަށުގައި ދިރިއުޅެމުން ދަނީ އެންމެ 4,000 އެއްހާ މީހުންނެވެ.

ރަޝިޔާގެ އިސްތިއުމާރީ ސިފައިންގެ އަތްދަށުން ޔޫކްރެއިން ދިފާޢުކުރުމަށް ހަނގުރާމަ ކުރަމުންދާ ސިފައިންނަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ މެންބަރު ޤައުމުތަކުގެ ވަޒީރުން ދާދިފަހުން ވަނީ ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ބައްދަލު ކުރައްވާފައެވެ. އަދި، އީ.ޔޫ.ގެ ޤައުމުތަކުން ހަތިޔާރު އުފެއްދުން އިތުރު ކުރުމާ މެދު އެ ޤައުމުތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ.

"ޔޫކްރެއިނަށް ރަޝިޔާއިން ފޮނުވި ސިފައިންގެ އެއްވެސް ރޭވުންތެރިކަމެއް، އަދި ކޮލިޓީއެއް ނެތް. އެ ކަން ފޫބައްދަން ރަޝިޔާއިން ދަނީ ވީހާވެސް ގިނަ ޢަދަދެއްގެ ސިފައިން ޔޫކްރެއިން ހަނގުރާމައިގެ ކުރީ ސަފަށް ފޮނުވަމުން. ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިޔާގެ ފައުޖުތަކުން ބަޚްމުތް ހިފާނެ ކަމަށް ބެލެވޭ،" ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.
ބަޚްމުތް ރަޝިޔާ ސިފައިންގެ އަތްދަށުވުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ސިފަކުރެއްވިއެވެ. "ބަޚްމުތް ވެއްޓިއްޖެ ނަމަ، ރަޝިޔާ ސިފައިންގެ އަމާޒު އެހެން ރަށްތަކަށް ބަދަލުކުރާނެ. ބެލެވެނީ ކްރެމަޓޮރްސްކް ނުވަތަ ސްލޮވިއަންސްކް ހިފުމަށް އެ މީހުން އަމާޒު ކުރާނެ ކަމަށް. އަމާޒަކަށް ވާނީ، ޑޮނެޓްސްކުގެ ފުރިހަމަ ކޮންޓްރޯލް އެ މީހުންގެ އަތްދަށަށް ގެންދިޔުން،" ޒެލެންސްކީ ވިދާޅުވިއެވެ.

ބަޚްމުތް ހިފުމަށް ފަހު، ރަޝިޔާއިން ޔޫކްރެއިނުގެ އެހެން ރަށްތަކަށް އަތްގަދަކުރަން މަސައްކަތްކުރާނެ ކަމުގައި ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެ ރަށް ދިފާޢު ކުރުމަށް ޔޫކްރެއިނުގެ 12,000 އާއި 20,000 ދެމެދުގެ ޢަދަދެއްގެ ސިފައިން ހަނގުރާމަ ކުރަމުންދާ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އަދި، މި އަހަރުގެ ތެރޭގައި ރަޝިޔާއަށް ޔޫކްރެއިނުގެ ބޮޑު ސަރަޙައްދުތަކަށް އަތްގަދަ ކުރެވޭނެ ކަމަށް ނުބެލެވޭ ކަމުގައި އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސް ޑިރެކްޓަރ އެވްރިލް ހެއިންސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެ ކަމުން އަރައިގަނެ، ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތަކަށް އަތްގަދަ ކުރެވޭނެ ކަމަށް ނުބެލެވޭ ކަމުގައެވެ.