ޚަބަރު

ޔަހޫދީ ސިފައިން ޖިނީނަށް އަރައި ފަލަސްޠީނުގެ ހަ މީހުން ޝަހީދުކޮށްލައިފި


ޔަހޫދީ އިސްރާޢީލުގެ ސިފައިން ހުޅަނގު އައްސޭރީގެ ޖިނީނަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ ހަ މީހުން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީ ޖައްބާރު ސިފައިންގެ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި 49 އަހަރުގެ ފިރިހެނެއް ހިމެނޭ ކަމަށާއި، ދެން ތިބި އެންމެންނަކީ 20 އާއި 30 އަހަރާއި ދެމެދު މީހުން ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ޖިނީން ރެފިޔުޖީ ކޭމްޕަށް ވަދެ ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ރޮކެޓް ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގައި ފަލަސްޠީނުން ބުނެއެވެ. އަދި، މިއީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވަނީ ޔަހޫދީ ސިފައިންގެ އުދުވާންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ޔަހޫދީ ސިފައިން ޖިނީނަށް ވަނުމުން، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ޖަމާޢަތްތަކުން ވަނީ، އެ މީހުންނާ ކުރިމަތިލައި، އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ޖިނީންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް ޖިނީން ބްރިގޭޑުން ވަނީ، އެ ޖަމާޢަތުގެ މުޖާހިދުން ޔަހޫދީ ސިފައިންނާ ހަނގުރާމަކޮށްފައިވާ ކަމަށް ބުނެފައެވެ.

ޔަހޫދީން ސިފައިންގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި 49 އަހަރުގެ ޢަބްދުލް ފައްޠާޙް ޙުސައިން ޚުރޫޝާ ހިމެނޭ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ޔަހޫދީ ސިފައިން ޖިނީނަށް އަރާފައި ވަނީ އޭނާ ޝަހީދުކޮށްލުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. ފެބްރުވަރީ 26 ވަނަ ދުވަހު ހުޅަނގު އައްސޭރީގެ ހުވާރާގައި ދިން ހަމަލާއެއްގައި އިސްރާޢީލުގެ ދެ ޔަހޫދީން މަރައިލުމުގެ ފަހަތުގައި ވަނީ އޭނާ ކަމަށް ޔަހޫދީ ސިފައިން ތުހުމަތު ކުރެއެވެ.

ޚުރޫޝާ ޝަހީދުކޮށްލުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ކަމާ އުފާފާޅުކޮށްފައެވެ. އަދި، އޭނާ ޝަހީދުކޮށްލުމުގައި ހަރަކާތްތެރިވި ޔަހޫދީ ޓެރެރިސްޓު ސިފައިންނަށް މަރުޙަބާ ކިޔައި، އެ މީހުންނަށް ހިތްވަރުދީފައެވެ.

ޚުރޫޝާ ޝަހީދުކޮށްލުމަށް ޖިނީނަށް އެރި ޔަހޫދީ ޓެރެރިސްޓު ސިފައިން އެ ރަށުން ފޭބީ ފަލަސްޠީނުގެ އިތުރު 26 މީހަކު ޒަޚަމުކޮށްލުމަށް ފަހުއެވެ. އޭގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިޔަސް ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ޖިނީނަށް އަރައި ޔަހޫދީ ޓެރެރިސްޓު ސިފައިން ހިންގި އުދުވާންތަކުގެ ބަދަލުހިފުމުގެ ގޮތުން ހަމާސް ޖަމާޢަތުން ވަނީ އިސްރާޢީލުގެ ރަށެއް ކަމުގައިވާ ނީވް އާމްއަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. ރޮކެޓް ހަމަލާތައް ދީފައި ވަނީ ޣައްޒާއިންނެވެ. މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

ޔަހުދީންގެ ލާއިންސާނީ އުދުވާންތަކާ ގުޅޭ ގޮތުން ހަމާސް ޖަމާޢަތުން ބުނީ، އެ ފަދަ އަމަލުތަކުގެ ސަބަބުން އިސްރާޢީލުގެ ޓެރެރިސްޓު ސިފައިންނާ ކުރިމަތިލުމަށް ފަލަސްޠީނުގެ މުޖާހިދުންނަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމުގައެވެ. އިސްލާމިކް ޖިހާދާއި ފަޠަހަ ޖަމާޢަތުން ވެސް ވަނީ ޔަހޫދީންގެ އުދުވާންތައް ކުށްވެރިކޮށްފައެވެ.

އިސްރާޢީލާއި ފަލަސްޠީނާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން ނިމުމަކަށް ގެނެސް، ސިޔާސީ ގޮތުން ހަމަޖެހުން ޤާއިމު ކުރުމަށް ދެ ފަރާތުން ހުސްވި ފެބްރުވަރީ މަހުގެ ތެރޭގައި ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އަބޫ ރުދައިނާ ވިދާޅުވީ، އެ އެއްބަސްވުން ބޮލައިލާ ޖަހައި، ޔަހޫދީ އިސްރާޢީލުން އެ ސަރަޙައްދުގެ ހަމަޖެހުން ނަގައިލަން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ޔަހޫދީ ޓެރެރިސްޓު ސިފައިން ޖިނީންގައި ހިންގާފައި ލާއިންސާނީ އުދުވާންތަކާ ގުޅިގެން އުރުދުނުން ވަނީ އިސްރާޢީލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އުރުދުންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސިނާން މަޖާލީ ވިދާޅުވީ، ޔަހޫދީ ޓެރެރިސްޓު އިސްރާޢީލުގެ އަމަލުތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމުގައެވެ. އަދި، ޔަހޫދީ އިސްރާޢީލުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ.

ޔަހޫދީ ޖައްބާރު ސިފައިން މި އަހަރުގެ ތެރޭގައި ހިންގާފައިވާ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 71 އަށްވުރެ އިތުރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. އުމުރުން ދުވަސްވީ އަންހެނެއް ވެސް ވަނީ ޝަހީދުކޮށްލާފައެވެ.