ޚަބަރު

ކަރަންގެ ފިލްމެއް ސިދާތާއި ކިއަރާ އަށް


މިދިޔަ މަހު އެއްކޮށް ކަހަލަ ގޮތަކަށް ޚަބަރުތަކުގެ ސުރިޚީތަކަށް އަރަމުން ދިޔައީ މިދިޔަ މަހުގެ 7 ވަނަ ދުވަހު ކައިވެނި ކުރި ބޮލީވުޑް ދެ ތަރިން ކަމުގައިވާ ކިއާރާ އަދްވާނީ އާއި ސިދާތް މަލޯތްރާގޭ ވާހަކައެވެ.

ކައިވެނީގެ ރީތި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު، މިއީ ކިއަރާ އާއި ސިދުގެ ޑްރީމް ވެޑިންއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި މި ދެ ތަރިންގެ ވާހަކަ މި މަހުވެސް ސުރުޚީތަކަށް އަރާނެއެވެ. ނަމަވެސް މިފަހަރު ކައިވެންޏާއި ހެދިއެއް ނޫނެވެ. ޚަބަރުތައް ބުނާ ގޮތުގައި ކިއަރާ އާއި ސިދާތުގެ ގާތް އެކުވެރިއެއް ކަމުގައިވާ އަދި މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމެއް މި ދެތަރިންނަށް ވަނީ ހުށަހަޅާފައެވެ. އަދި މިއީ ދަރްމާ ޕްރޮޑަކްޝަންގެ ބެނާގެ ދަށުން ކަރަން ޕްރޮޑިއުސްކުރާ ވަރަށް ތަފާތު ލޯބީގެ ވާހަކަ އަކަށް އުފައްދާ ފިލްމެއް ކަމަށްވެސް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ނަން އަދި ހާމަނުކުރާ ކަރަންގެ މި ފިލްމު އުފައްދާނަމަ މި ފިލްމު ވެގެންދާނީ 2021 ވަނަ އަހަރު ދެއްކި ފިލްމު "ޝޭރުޝާހް" އަށްފަހު މި ދެތަރިން އެކުގައި ފެންނަ ފުރަތަމަ ފިލްމަށެވެ. ބެލުންތެރިންގެ ބޮޑު ތަރުޚީބެއް ލިބުނު މި ފިލްމަކީ 1999 ވަނަ އަހަރު އިންޑޯ ޕާކް ހަނގުރާމައިގައި ޝަހީދުވި ކެޕްޓަން ވިކްރަމް ބަޓްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު އެގޭ ފަރާތަކުން ބުނި ގޮތުގައި މީގެ ސްކްރިޕްޓަށް ސިދާތު މިހާރު ވަނީ އޯކޭ ދީފައެވެ. އަދި "ޝޭރުޝާހް" އާއި އެއްގޮތަށް މި ފިލްމުވެސް ކުޅެން ބޭނުން ވެގެން ކަރަން ކައިރީ ބުނީ ސިދާތު ކަމަށެވެ. މީގެއިތުރުން މިއީ "ޝޭރުޝާހް" އާއި އެއް ގޮތަށް މާ ޖަޒްބާތީ ފިލްމެއް ނޫން ކަމަށާއި، މިއީ މަޖާ ފިލްމެއް ކަމަށްވެސް އޭނާ މަޢުލޫމާތު ދޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސިދް ޤަބޫލުކުރާ ގޮތުގައި ބެލުންތެރިން މިހާރު ބޭނުންވާނީ އޭނާ އާއި ކިއަރާ އުފާވެރި ފިލްމެއް ކުޅޭތަނެވެ.