ޚަބަރު

"ތޫ ޖޫޓާ މޭ މައްކާރު" ގެ ކުރިންވެސް ލަވްގެ ދެ ފިލްމު ރަންބީރަށް ހުށެހެޅި


ބޮލީވުޑް ޑައިރެކްޓަރު ލަވް ރަންޖަންގެ "ޕިޔާރު ކާ ޕަންޗްނާމާ 2" ބެލުމަށްފަހު ލަވް އާއި އެކީގައި ވަރަށް މަސައްކަތް ކޮށްލާ ހިތްވެފައި ހުރި ކަމަށް ބޮލީވުޑް ތަރި ރަންބީރު ކަޕޫރު ދާދިފަހުން ވަނީ ބުނެފައެވެ.

ރަންބީރުގެ އެ އެދުން އެންމެ ފަހުން ފުރިހަމަ ވެފައި ވަނީ މާދަމާ ރިލީޒްކުރަން ތާވަލުކޮށްފައިވާ "ތޫ ޖޫޓާ މޭ މައްކަރް" އިންނެވެ. ލަވް ޑައިރެކްޓުކޮށްފައިވާ މި ރޮމޭންޓިކް ކޮމެޑީގައި ރަންބީރާއިއެކު ދެން ފެންނާނީ ޝްރައްދާ ކަޕޫރެވެ. މިއީ ރަންބީރާއި ޝްރައްދާ އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ.

ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލަވްގެ މި ފިލްމު ރިލީޒްކުރުމުގެ ކުރިން އިތުރު ދެ ފިލްމުވެސް އޭނާ ވަނީ ރަންބީރަށް ހުށަހަޅާފައެވެ.

މިތަނުން އެއް ފިލްމަކީ އިންޑިއާގެ ކްރިކެތް ޓީމުގެ ކުރީގެ ކެޕްޓަން ސޯރަވް ގަންގޫލީގެ މައްޗަށް އުފައްދާ ބަޔޯޕިކެވެ. 2021 ވަނަ އަހަރު އިޢުލާނުކުރި ފަހުން މީގެ ވާހަކަ ވަރަށް ދެކެވެއެވެ. ވަނަމަކަށް ދާދާ ކިޔާ ސޯރަވްގެ ރޯލު ކުޅެން ޝައުގުވެރިވާ ކަމަށްވެސް ރަންބިރު ވަނީ ދާދިފަހުން ބުނެފައެވެ. ނަމަވެސް މިވަގުތު ޑިވެލޮޕްމަންޓް މަރުޙަލާގައި އޮތް މި ފިލްމުގެ ޑައިރެކްޓަރަކީ ލަވް އެއް ނޫނެވެ. ލަވް ރައިޓްސް ގަނެފައިވާ މީގެ ޕްރޮޑިއުސަރަކީ އޭނާއެވެ.

ދެވަނަ ފިލްމަކީވެސް ހަމަ އެހާ ޝަޢުގުވެރިވާނެ ފިލްމެކެވެ. މިއީ ލަވް ފުރަތަމަ ފަހަރަށް އެކްޝަން ފިލްމެއް ޑައިރެކްޓުކުރާ ފަހަރެވެ. ރަންބީރާއެކު އެކްޝަން ފިލްމުތައް ކުޅެން މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން މި ފިލްމަށް ނަގަން ލަވް ބޭނުންވިއެވެ. ނަމަވެސް ޝެޑިއުލަށް ބުރޫ އަރާތީ އަޖޭ އަށް މި ފިލްމަށް ވަގުތު ދެވޭކަށް ނެތެވެ. އަޖޭ އާއި ރަންބީރު ކުޅެން ހަމަޖެހިފައި އޮތީ އެއްބަޑު އެއްބަފާ ދެ މީހުންގެ ރޯލެވެ.